Advertisement

ކުރީގެ ލޯބިވެރިޔާގެ އޭއައި ކޮޕީ ހެދުމުގެ އާ ޓްރެންޑެއް ޗައިނާގައި ވައިރަލްވަނީ

04 Jun 2026 | 15:41
-

ލޯބީގެ ގުޅުމެއް ނިމުމުން އެ ހިތާމައިން އަރައިގަންނަން ޗައިނާގެ ޒުވާނުން މިހާރު ބޭނުންކުރަނީ މުޅިން ތަފާތު ގޮތެކެވެ. އެއީ ކުރީގެ ލޯބިވެރިޔާގެ އާޓިފިޝަލް އިންޓެލިޖެންސް (އެއައި) ޑިޖިޓަލް ކޮޕީއެއް ހެދުމެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "އެކްސް-ޕާޓްނާ ޑޮޓް ސްކިލް" ނަމަކަށް ކިޔާ އޯޕަން ސޯސް ޓޫލެއް ބޭނުންކޮށް، ކުރީގެ ލޯބިވެރިޔާއާ ދެމެދު ބަދަލުކުރެވުނު ޗެޓް ލޮގްތަކާއި ފޮޓޯތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް އެއައި ޕްލެޓްފޯމަކަށް އަޕްލޯޑްކޮށް، އެ މީހެއްގެ ވާހަކަ ދެއްކުމުގެ ސްޓައިލާއި ބަސްމަގާއި އާދަތައް ކޮޕީ ކުރެވެއެވެ. ޝެއާކުރެވުނު ދަތުރުތަކާއި އެނިވާސަރީތަކާއި ކެއުމުގެ އާދަތައް ފީޑްކޮށްގެން، ލޯބިވެރިޔާގެ ޝަހުސިއްޔަތު އިތުރަށް ފައްކާ ކުރެވެއެވެ.

Advertisement

މި ޓޫލް ތައްޔާރުކުރީ ޝެންހާއީގެ އިންޖިނިއަރެއް ކަމަށްވާ ޒޮއު ޓިއެންޔީއެވެ. އެންމެ ފުރަތަމަ މި ޓޫލް ފަރުމާކުރީ މަސައްކަތުގެ މާހައުލަށެވެ. ނަމަވެސް ބޭނުންކުރާ ފަރާތްތަކުން މި ޓޫލް ބޭނުންކުރަން ފެށީ ލޯބީގެ ގުޅުންތައް ނިމުމުން ލިބޭ ހިތާމައިން އަރައިގަތުމަށެވެ.

މި ޓްރެންޑާ މެދު ޗައިނާގެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ހިނގަމުންދެއެވެ. ބައެއް ފަރާތްތަކުން ބުނަނީ ކުރީގެ ގުޅުމުގައި ބުނަން ނުކެރުނު ވާހަކަތައް ބުނެ، ހިތް ފަސޭހަ ލިބޭ ކަމަށެވެ. ނަމަވެސް ނަފުސާނީ ޞިއްޙަތުގެ ތަޖުރިބާކާރުން އިންޒާރު ދެނީ މި ޓޫލްގެ ސަބަބުން އެއައި ގުޅުމަށް ބަރޯސާވުން އިތުރުވެ، އަސްލު ގުޅުންތަކާއި ޑިޖިޓަލް ގުޅުންތަކުގެ އިން ފަނޑުވެ، ކުރިއަށް ދިއުމަށް ހުރަސް އެޅިދާނެ ކަމަށެވެ. ކޮންސެންޓާއި ޕްރައިވެސީގެ ކަންބޮޑުވުން ވެސް ބޮޑެވެ — ކުރީގެ ލޯބިވެރިޔާގެ ހުއްދައެއް ނެތި، އެ މީހެއްގެ މެސެޖުތަކާއި ފޮޓޯތައް ބޭނުންކޮށްގެން ޑިޖިޓަލް ކޮޕީއެއް ހެދުމަކީ ކިހާ ރަނގަޅު ކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

Advertisement

ކޮމެންޓް