ލަންދޫގައި ހުމެއް ފެތުރުން: ފާއިތުވި ދެ ހަފުތާގައި ޢަދަދު 350 އިން މަތީގައި - ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓް ކުރުމަށް އެޗްޕީއޭއިން ލަފާދީފި
ނ. ލަންދޫގައި ހުމެއް ފެތުރި، ފާއިތުވި ދެ ހަފުތާގެ ތެރޭގައި 350 އަށް ވުރެ ގިނަ މީހުން ބައްޔަށް ފަރުވާ ހޯދާފައިވާތީ، ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ސާމްޕަލް ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފިއެވެ. 2022 ގެ ބޯހިމެނުމުގައި ލަންދޫގެ އާބާދީ އަކީ 757 އެވެ.
ލަންދޫ ސިއްޙީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ އަޙްމަދު ރަޝީދު "ދުވަސް" އަށް ވިދާޅުވީ 26 މެއި އިން ފެށިގެން އިއްޔެއާ ހަމައަށް ލަފާކުރެވޭ ގޮތުގައި 350 އެއްހާ މީހުން ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. ކުރިން ދުވާލަކު 10 ވަރަކަށް މީހުން ޑޮކްޓަރަށް ދައްކަމުން ދިޔަ ނަމަވެސް، މިހާރު އެ ޢަދަދު 30 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ ޢަދަދު ވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެންނަ މައިގަނޑު ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ކެއްސުމާއި ބޮލުގައި ރިއްސުން ހިމެނެއެވެ.
ހުން ފެތުރެން ފެށީ ހައްޖު ދުވަހާ ހިސާބުން ކަމަށް ބެލެވޭއިރު، ޢީދު ޗުއްޓީގެ ތެރޭގައި ސްކޫލް ކުދިންގެ މެދުގައި ވެސް ބަލި ވަނީ ފެތުރިފައެވެ. ޗުއްޓީއަށް ފަހު މި ހަފުތާގައި ކިޔެވުން ފެށުނުއިރު، ގާތްގަނޑަކަށް 100 އެއްހާ ކުދިން ބަލީގެ ސަބަބުން ސްކޫލަށް ހާޒިރުނުވެއެވެ.
ސްކޫލް ބަންދުކުރުމުގެ ހުއްދައަށް ސިއްޙީ މަރުކަޒުން އެޗްޕީއޭގައި އެދުނު ނަމަވެސް، އެޗްޕީއޭ އިން ލަފާ ދީފައި ވަނީ ކޮވިޑާއި އިންފްލުއެންޒާއަށް ސާމްޕަލް ނެގުމަށް ފަހު ވަކި ގޮތެއް ނިންމުމަށެވެ. ސާމްޕަލް ނެގުމަށް ބޭނުންވާ ސާމާނު އަތޮޅު ހޮސްޕިޓަލުން ލިބޭ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
ޑެންގީ އާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާގެ ކޭސްތައް އާންމުކޮށް ފެންނަ ވަރަށް ވުރެ އިތުރުވެ، މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ފެނިފައިވާތީ، ޢީދު ބަންދުގެ ކުރިން ވެސް އެޗްޕީއޭ އިން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.