އީރާނާ ދެކޮޅު އަސްކަރީ ހަރަކާތް ހުއްޓުވުމުގެ ޤަރާރު ހައުސް އިން ފާސްކޮށް ޓްރަމްޕަށް ގޮންޖަހައިފި
އެމެރިކާގެ އީރާނާ ދެކޮޅު އަސްކަރީ ހަރަކާތް ހުއްޓުވުމުގެ "ވޯ ޕަވާޒް ރެޒޮލިއުޝަން" އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ބުދަ ދުވަހު ފާސްކޮށްފިއެވެ.
މިއީ މި ޤަރާރު ހައުސް އިން ފާސްވި ފުރަތަމަ ފަހަރެވެ. ވޯޓު ނެގީ 215-208 އިންނެވެ. ހަތަރު ރިޕަބްލިކަން މެންބަރަކު ޑިމޮކްރެޓުންނާ ބައިވެރިވެ ޤަރާރާ އެއްކޮޅަށް ވޯޓު ދިނެވެ. ނަތީޖާ އިޢުލާނުވުމާ އެކު ހައުސް ޗެމްބަރުގައި އުފާފާޅުކުރުމުގެ އަޑު ގުގުމާލިއެވެ.
ދެ ހަފުތާ ކުރިން ހައުސް ސްޕީކަރ މައިކް ޖޯންސަން ވޯޓު ހުއްޓުވީ ޤަރާރު ފާސްވެދާނެ ކަމުގެ ބިރަށެވެ. ނަމަވެސް ހަނގުރާމައާ ދެކޮޅު ޝުޢޫރުތައް ވީ ބޮޑެވެ. ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ އެންމެ އިސް ޑިމޮކްރެޓް، ރެޕް. ގްރެގޮރީ މީކްސް ބުނީ "ފުދިއްޖެ" ކަމަށާއި ޓްރަމްޕް "ރަނގަޅު ގޮތް ޚިޔާރުކުރާންވީ ވަގުތު ޖެހިއްޖެ" ކަމަށެވެ. ރައްޔިތުން ތެލުގެ އަގާއި ސުޕަމާކެޓްތަކުގެ އަގުބޮޑުވުމުން ތަކުލީފު އުފުލަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފެބުރުއަރީ 28 ގައި އެމެރިކާ އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާ ދިން ފަހުން ތެލުގެ އަގު އުފުލި، ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދައުރުވާ ހޮރުމޫޒް ސްޓްރެއިޓް ބަންދުކުރުމުގެ ސަބަބުން ބައިނަލްއަޤުވާމީ ވިޔަފާރިއަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވެއެވެ. އޭޕްރީލް ގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އިޢުލާނުކުރި ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ހަމަލާތައް ކޮންމެވެސް ވަރަކަށް ކުރިއަށްދެއެވެ. ދާއިމީ ޞުލްޙައިގެ މަޝްވަރާތައް ލަސްވެ، ލުބުނާނުގައި ޙިޒްބުﷲ އާ ދެކޮޅަށް އިސްރާއީލް ފުޅާކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކަންކަން އިތުރަށް ވަނީ ގޯސްވެފައެވެ.
ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުދަ ދުވަހު ހައުސް ފޮރިން އެފެއާޒް ކޮމިޓީގައި އިންޒާރު ދިނީ މި ޤަރާރު ފާސްކޮށްފި ނަމަ، "އެމީހުންނަށް [އީރާނަށް] އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ހީކޮށް ޑީލެއް ހަދަން ބާރު ނާޅާނެ" ކަމަށެވެ.
ޤަރާރު ދެން ފޮނުވާނީ ސެނެޓަށެވެ. މިދިޔަ މަހު ސެނެޓުގައި ވެސް ހަތަރު ރިޕަބްލިކަން ސެނެޓަރަކު ޑިމޮކްރެޓުންނާ ގުޅި، އެފަދަ ޤަރާރެއް ކުރިއެރުވިއެވެ. ނަމަވެސް ސެނެޓުން އެ ޤަރާރާ މެދު އަދި ފައިނަލް ވޯޓެއް ނެގިފައެއް ނުވެއެވެ. ދެ ގެއިން ވެސް ފާސްކޮށްފި ނަމަ ޓްރަމްޕް ވީޓޯ ކުރާނެ ކަމަށް ބެލެވެއެވެ.