އޯޕަންއޭއައި އާ ވަކިވެ، މައިކްރޮސޮފްޓުން އަމިއްލަ އޭއައި ލެބެއް ބިނާކުރަނީ
މައިކްރޮސޮފްޓުން އޯޕަންއޭއައި އާ ޢަމަލީ ގޮތުން ވަކިވެ، ދުނިޔޭގެ އެންމެ ކުރީ ސަފުގެ އޭއައި ލެބެއް ބިނާކުރުމުގެ އަމާޒު ހާމަކޮށްފިއެވެ.
މައިކްރޮސޮފްޓުގެ އަހަރީ ބިލްޑް 2026 ޑިވެލޮޕާ ކޮންފަރެންސްގައި ކުންފުނީގެ އޭއައި ޗީފް މުސްޠަފާ ސުލައިމާން ދަ ވާޖް އަށް ދިން އިންޓަވިއުއެއްގައި ބުނީ، ދުނިޔޭގެ ގަދަ ހަތަރު އޭއައި ލެބުގެ ތެރެއަށް ވަނުމަކީ އޭނާގެ އަމާޒު ކަމަށެވެ. މިހާރު ކުރީގައި ތިބީ ގޫގުލް ޑީޕްމައިންޑް، އޯޕަންއޭއައި، އެންތްރޮޕިކް ކަމަށާއި މައިކްރޮސޮފްޓް އެ ލިސްޓުގައި އަދި ނެތް ކަމަށް ސުލައިމާން ޤަބޫލުކުރިއެވެ. "ބިންގަލުން ފެށިގެން ހުރިހާ ކަމެއް ކުރެވޭކަން ސާބިތުކޮށްދޭން ޖެހޭ، އެހެން ބައެއްގެ އެއްޗެހި ނަގައިގެން ނޫން" ކަމަށް ވެސް ބުންޏެވެ.
ބިލްޑް ކޮންފަރެންސްގައި މައިކްރޮސޮފްޓުން ވަނީ ބޮޑެތި އިޢުލާނުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ސުޕާ އެޕެއް، ކުންފުނީގެ އަމިއްލަ ރީޒަނިން މޮޑެލްތައް، ސައިބާ ސެކިއުރިޓީ ޓޫލެއް، އަދި އޭއައި އެޖެންޓުން ހިމެނެއެވެ. މައިކްރޮސޮފްޓުގެ ސީއީއޯ ސަތިޔާ ނަދެއްލާ ބުނީ "ބޮޑެތި ބަދަލުތައް އަންނަ ދުވަސްވަރެއްގައި ޑިވެލޮޕާ ކޮންފަރެންސެއްގައި ހުރުމަކީ އަބަދުވެސް ފޯރިގަދަ ކަމެއް" ކަމަށެވެ.
މައިކްރޮސޮފްޓާއި އޯޕަންއޭއައި އެކުގައި މަސައްކަތް ފެށީ އޯޕަންއޭއައި ގެ ކުރީކޮޅު، އެ ކުންފުންޏަށް ބިލިއަނުން އިންވެސްޓްކޮށް، އެ ކުންފުނީގެ ހަމައެކަނި ކްލައުޑް ޕާޓްނަރުގެ ގޮތުގައެވެ. ނަމަވެސް ދެ ކުންފުނީގެ ގުޅުން ހީނަރުވެ، މި އަހަރުގެ އޭޕްރީލް ފަހުކޮޅު ޢަމަލީ ގޮތުން ވަކިވީއެވެ. ކްލައުޑް ޕާޓްނަރުގެ ގޮތުގައި މައިކްރޮސޮފްޓް އަދިވެސް ދެމި އޮތް ނަމަވެސް، ބިލްޑް ކޮންފަރެންސުން ފެނުނީ މައިކްރޮސޮފްޓުން އަމިއްލަ ފައިމައްޗަށް ތެދުވެ، އޯޕަންއޭއައި އަށް ބަރޯސާ ނުވެ ކުރިއަށް ދާން ތައްޔާރުވާ މަންޒަރެވެ.