Advertisement

ސުކޫކު ދެއްކުމާ އެކު ދަރަނީގެ ތާށިކަން ވަރަށް ބޮޑަށް ކުޑަވެއްޖެ: ފިޗް

03 Jun 2026 | 20:29
މާލީ ވަޒީރު މޫސާ ޒަމީރު -

މި އަހަރު ދައްކަންޖެހޭ ދަރަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ސަރުކާރުން ކާމިޔާބުކަމާ އެކު އަދާކޮށްފައިވާ ކަމަށާއި، ކުރު މުއްދަތުގައި ދަރަނި ދެއްކުމުގެ ތާށިކަން ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ރޭޓިންގް އެޖެންސީ ފިޗް އިން ބުނެފިއެވެ.

ފިޗް އިން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ދައުލަތުން ދައްކަންޖެހޭ ބޭރުގެ ދަރަނި 1.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، އެއީ މިދިޔަ އޭޕްރީލް މަހު އަނބުރާ ދެއްކި ސުކޫކެވެ. މި އަހަރުގެ ބާކީ ހަ މަހު ދައްކަންޖެހޭ ބޭރުގެ ދަރަނީގެ މިންވަރަކީ 535 މިލިއަން އެމެރިކާ ޑޮލަރެވެ.

Advertisement

ސުކޫކު ދެއްކުމާ އެކު ކުރު މުއްދަތުގެ ދަރަނީގެ ތާށިކަން ކުޑަވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް "ސީސީ" އިން "ސީސީސީ-" އަށް މަތިކުރުމުގެ މައިގަނޑު އެއް ސަބަބު ކަމަށް ފިޗް އިން ފާހަގަކޮށްފައިވެއެވެ.

ފިނޭންސް ވުޒާރާއިން ބުނީ މިއީ ސަރުކާރުގެ ހަރުދަނާ ދަރަނި މެނޭޖްކުރުމުގެ ސިޔާސަތުގެ ނަތީޖާ ކަމަށެވެ. ދަރަނިތައް ކާމިޔާބުކަމާ އެކު އަދާކުރެވުނީ އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކާއި ޤައުމުތަކާ އެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ. ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށް ގެންނަންޖެހޭ އިޞްލާޙުތައް ގެންނަމުން، ޒިންމާދާރުކަމާ އެކު ދަރަނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ފިނޭންސް ވުޒާރާއިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް