Advertisement

ކުވެއިތާއި ބަހުރައިނަށް ދިން އީރާނުގެ ހަމަލާ ސަޢޫދީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި

03 Jun 2026 | 17:54
-

މިއަދު ފަތިހު އީރާނުން ކުވެއިތާއި ބަހުރައިނަށް ދިން މިސައިލާއި ޑްރޯން ހަމަލާތައް ސަޢޫދީ ޢަރަބިއްޔާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަޢޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، ކުވެއިތު ބައިނަލްއަޤުވާމީ އެއާޕޯޓާއި އެ ޤައުމުގެ މުހިންމު ތަންތަނަށް ދިން ހަމަލާތަކުގައި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. މި ހަމަލާތަކަކީ ގަލްފުގެ ޤައުމުތަކުގެ ސިޔާދަތަށް އަރައިގަތުމެއް ކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫނާއި އދ. ގެ ޗާޓަރާ ސީދާ ޚިލާފު ޢަމަލެއް ކަމަށް ސަޢޫދީން ސިފަކުރިއެވެ. އަދި މިފަދަ ޢުދުވާނީ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ ބައިނަލްއަޤުވާމީ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ސަޢޫދީން ވަނީ ކުވެއިތާއި ބަހުރައިނާ އެކު ފުރިހަމައަށް ސާބިތުވެ ތިބި ކަމަށް ބުނެ، އެ ދެ ޤައުމުގެ ސިޔާދަތާއި ސަލާމަތް ރައްކާތެރިކުރުމަށް އެ ޤައުމުތަކުން އަޅާ ހުރިހާ ފިޔަވަޅަކަށް ފުރިހަމައަށް ތާއީދުކޮށްފައެވެ. އަދި ކުވެއިތަށް ތަޢުޒިޔާ ކިޔައި، ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

ކުވެއިތުގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އީރާނުގެ ޑްރޯންތައް ކުވެއިތު އެއާޕޯޓުގެ ޓާމިނަލް 1 އަށް އަމާޒުވެ، އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ހަމަލާގައި އިންޑިއާ ރައްޔިތަކު މަރުވެ 63 މީހުން ޒަޚަމްވެފައިވާ ކަމަށް ކުވެއިތުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ހަމަލާއާ ގުޅިގެން ކުވެއިތު ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދުކޮށް ފްލައިޓްތައް ސަސްޕެންޑް ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް