ލޭބަރ ޕާޓީ އުވާލައި ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފި
ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ ޢަދަދު ހަމަނުވުމުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އުވާލައި ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ، މިއަދުން ފެށިގެން އެ ޕާޓީ ވަނީ އުވާލައިފައެވެ.
މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަޤްޞަދުގައި ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީން އިސްވެ ހުންނަވައިގެން 2019 ވަނަ އަހަރު ރަޖިސްޓްރީ ކުރި މި ޕާޓީ، މީގެ ކުރިން ވެސް 2022 ވަނަ އަހަރު މެންބަރުން ހަމަނުވެގެން އުވާލައިފައިވެއެވެ. ނަމަވެސް އެ ފަހަރު ޕާޓީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޯޓުން ނިންމީ އުވާލުން ޤާނޫނާ ޚިލާފު ކަމަށެވެ. އެއާއެކު ޕާޓީ އަލުން ދަފްތަރުގައި ހިމެނި ނަމަވެސް، 3000 މެންބަރުން ހަމަނުވެ މިއަދު ދެވަނަ ފަހަރަށް ޕާޓީ އުވާލީއެވެ.