Advertisement

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ޝިޔާމް އަލުން ފުލުހުންގެ ވަޒީފާއަށް ނުކުމެއްޖެ

03 Jun 2026 | 16:43
-

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް 2014 ވަނަ އަހަރުގެ މެއި މަހު ވަޒީފާއިން ވަކިކުރި ޝިޔާމަށް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން ވަޒީފާ ދީ، މިއަދު އޭނާ ވަޒީފާއަށް ނުކުންނަން ފަށައިފިއެވެ.

ޝިޔާމް ވަޒީފާއިން ވަކިކުރި މައްސަލައިގައި ސިވިލް ކޯޓުން ކުރިން ހުކުމްކުރީ އޭނާއަށް އަލުން ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކޮށްފައެވެ. ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. އަދި އެ މައްސަލައިގައި އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

Advertisement

ޝިޔާމް ވިދާޅުވީ ފުލުހުންގެ ވަޒީފާއާއި ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށާއި، އަލުން ވަޒީފާ ލިބުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ވަޒީފާ އިޔާދަކޮށްފައިވީ ނަމަވެސް، ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތް އަދި ދީފައެއް ނުވެއެވެ. ދައުލަތުން ވަނީ ހުކުމުގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން، ވަޒީފާ އަނބުރާ ދޭ ހާލަތުގައި ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރައާއި އިނާޔަތެވެ.

Advertisement

ކޮމެންޓް
ވަކީލު
ޝިޔާމް ވިދާޅުވީ ފުލުހުންގެ ވަޒީފާއާއި ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށް،---- ރަނގަޅަށް ބްރެއިން ވޮޝްވީމަ ކިޔޭނީ މިހެން.
04 Jun 2026