މާލެ އާއި ވިލިމާލޭ މަގު ހެދުމުގެ ސާވޭ ޗައިނާ ކުންފުނިން ފަށައިފި
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ކުރެހުންތައް ތައްޔާރުކުރުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް ފަށައިފައިވާ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ބުނީ ސާވޭ ކުރުމާއި ކަމާ ބެހޭ މުއައްސަސާތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވަނީ އިޢުލާނު ކުރައްވައިފައެވެ. މި މަޝްރޫޢާ ގުޅޭ ލެޓާ އޮފް އެކްސްޗޭންޖުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ރައީސް މުޢިއްޒު 2023 ވަނަ އަހަރު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހުނު 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫޢަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢު ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ މާލޭ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ހިނގާ ބިނގާވެ އުޅޭ މީހުންނާއި އުޅަނދުފަހަރަށް ފަސޭހަ، ރައްކާތެރި ޒަމާނީ މަގުތަކަކަށް މާލޭގެ މަގުތައް ބަދަލުކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.