ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ޚަރަދު ހަމަޖެއްސައިފި
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ ތެރެއިން ދައުލަތުގެ ހުރިހާ ޚަރަދެއް ހަމަޖައްސައި، ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި 2025 ވަނަ އަހަރު ނިންމާލެވިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން ނެރުނު "ބަޖެޓު ނަތީޖާ ބަޔާން 2025" ގައިވާ ގޮތުން، 2021 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ދައުލަތުގެ ބަޖެޓު ސަޕްލިމެންޓް ކޮށްފައިވެއެވެ. ނަމަވެސް 2025 ވަނަ އަހަރު އަހަރުގެ މެދުތެރެއިން އިތުރު ބަޖެޓެއް ބޭނުން ނުވެ، ފާސްކުރި ބަޖެޓުގެ ތެރޭގައި ޚަރަދުތައް މެނޭޖުކުރެވުނެވެ.
ޚަރަދުތައް ކޮންޓްރޯލް ކުރެވުނު ގޮތަށް ބަލާ އިރު، 2025 ވަނަ އަހަރުގެ ޖުމްލަ ޚަރަދު 49.2 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނު އިރު ޚަރަދު ހުރީ 44.2 ބިލިއަން ރުފިޔާގައެވެ. މިއީ ލަފާކުރި ވަރަށް ވުރެ ފަސް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގާ އުސޫލަށް ގެނައި ބަދަލުތަކާ އެކު މި ނަތީޖާ ހާސިލުކުރެވުނު ކަމަށް ވުޒާރާއިން ބުނެއެވެ.
އާމްދަނީ އަށް ބަލާ އިރު، ބަޖެޓުގައި ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2019 އިން ފެށިގެން މިހާތަނަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރެވެ. ފަތުރުވެރިކަމުގެ ދާއިރާ އިން ލިބުނު ނަތީޖާ ވެސް ހުރީ ބަޖެޓުގައި ލަފާކުރި މިންގަނޑާ ދާދި އެއްވަރެއްގައެވެ. 2,248,120 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރި އިރު، އައީ 2,246,516 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ ޢަދަދު ވަނީ ލަފާކުރި މިންވަރަށް ވުރެ އިތުރުވެފައެވެ.
މީގެ އިތުރުން ބަޖެޓުގެ ޑެފިސިޓް ވެސް ވަނީ ބޮޑުތަނުން ކުޑަކުރެވިފައެވެ. ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ލަފާކުރި ނަމަވެސް، ޑެފިސިޓް ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން މިއީ 3.6 އިންސައްތައެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ނަތީޖާ ތަކަކީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކާމިޔާބުކަމާ އެކު ތަންފީޒުކުރެވުމުގެ ނަތީޖާއެވެ.