Advertisement

ކަނޑުގެ ތަޣައްޔަރުކަން ކުޑަކުރަން 53 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ފަށައިފި

20 May 2026 | 10:12
-

ކަނޑުގެ ލޮނުގަނޑުން އޮކްސިޖަން މަދުވުމުގެ މައްސަލައަށް ހައްލު ހޯދައި، އެއްގަމުން ކަނޑަށް ދައުރުވާ ތަޣައްޔަރުކުރުވާ މާއްދާތައް މަދުކުރުމަށް "ކްލީން އެންޑް ހެލްތީ އޯޝަން - މޯލްޑިވްސް" ގެ ނަމުގައި ދިރާސާ މަޝްރޫޢެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިނގިރޭސިވިލާތުގެ ސެންޓަރ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ ގުޅިގެން ފަށައިފިއެވެ.

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރީ މޭ ހަތަރެއްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފެވެ.

Advertisement

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަތިރިމައްޗާއި ފަރުތައް ތަޣައްޔަރުވުމަކީ ކަނޑުގެ މާޙައުލަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާ ކަމެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތާއި ތަފާސްހިސާބުތަކުގެ އެހީގައި، މިފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް އެކަށީގެންވާ ސިޔާސަތުތައް އެކުލަވައިލެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) އިން ދޭ 4.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އާއި، އެކި ފަރާތްތަކުން ވަޢުދުވެފައިވާ 49 މިލިއަން ޑޮލަރަށް ވުރެ ބޮޑު މާއްދީ (އިން-ކައިންޑް) އެހީތެރިކަމާ އެކު ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގަނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) ގެ ބެލުމުގެ ދަށުންނެވެ.

މަޝްރޫޢުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި "ނޭޝަނަލް ނައިޓްރޯޖަން އެކްޝަން ޕްލޭން" އެކުލަވައިލުމާއި، ނަރުދަމާ އިން ބޭރުކުރެވޭ ފެން ފުރޭނުމަށް ފަހު ދަނޑުވެރިކަމަށް ބޭނުންވާ ކާނާ އުފެއްދުމުގެ ނިޒާމެއް ޤާއިމުކުރުމާއި، ކަނޑުގެ މާޙައުލަށް އަންނަ ބަދަލުތައް ސައެންޓިފިކް ގޮތުން ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ. މިއީ ދުނިޔޭގެ 13 ޤައުމެއްގައި ހިންގާ، ޖުމްލަ 109 މިލިއަން ޑޮލަރުގެ "ޖީއީއެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓަޑް ޕްރޮގްރާމް" ގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

Advertisement

ކޮމެންޓް