Advertisement

މަތި މަތިން ދެ ބޮކްސާ ލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލަންކާ މީހަކު ހައްޔަރު

01 Jun 2026 | 20:59
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ ފޮޓޯއެއް -

ލައިގެން ހުރި ބޮކްސާ މަތިން އިތުރު ބޮކްސާއެއް ލައި، އެ ބޮކްސާގައި ވާކޮޅަކުން އައްސައި މަސްތުވާތަކެތި ފޮރުވައިގެން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު ސްރީ ލަންކާ ރައްޔިތަކު ހައްޔަރުކޮށް، ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ހައްޔަރުކޮށްފައި ވަނީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ހުސްމާން ރަސިކް އަރުސިލް އަލީމް (26 އ) އެވެ. ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރުމުން ފުލުހުން މީނާއާ ސުވާލުކުރުމުން، ލައިގެން ހުރި ބޮކްސާގެ މަތިން ލާފައި ހުރި ބޮކްސާގައި ވާކޮޅަކުން އައްސައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނެ، މީނާ އަމިއްލައަށް އެ ތަކެތި ނަގައި ދައްކާފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

Advertisement

ބަންދު އަމުރުގައިވާ ގޮތުން، މީނާގެ ހަށިގަނޑުން ހޯދި ތަކެތީގެ ތަޙުލީލް ރިޕޯޓުން ދައްކާ ގޮތުގައި އެ ތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ކަމަށް ދައްކައެވެ. ޖުމްލަ ބަރުދަނުގައި 1.3 ކިލޯ އަށް ވުރެ ބަރެވެ. މީގެ އިތުރުން، މީނާގެ ކުޑަކަމުދާ ތަކެތީގެ ތަޙުލީލް ރިޕޯޓުން ކެނަބިހަށް ޕޮޒިޓިވް ވެފައިވެއެވެ.

މީނާ ތިން ދުވަހަށް ބަންދުކޮށްފައި ވަނީ، ޝަރީޢަތުގައި ދެކެވޭ ވާހަކަތައް ތަރުޖަމާކޮށްދެވިފައި ވަނީ އިނގިރޭސި ބަހުން ކަމަށްވެފައި، އެ ބަސް ދޭހަވާން އުނދަގޫ ކަމަށް ބުނާތީއާއި، މީނާގެ މާދަރީ ބަހަކީ ޓެމިލް ބަސް ކަމަށް ބުނާތީ، އެ ބަހުގެ ތަރުޖަމާނަކާ އެކު އަޑުއެހުން ކުރިއަށް ގެންދިއުމަށްޓަކައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްޢަތު ޙަބީބް ނެރުއްވި މި ބަންދު އަމުރުގައި، މީނާ ބަންދުކޮށްފައި ބަހައްޓަން އަމުރުކުރީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.

Advertisement

ކޮމެންޓް