ޑޮލަރު ލިމިޓް ބޮޑުކޮށްދޭނެ ކަމުގެ އިޝާރާތެއް ބީއެމްއެލްއިން ދީފައިވޭ: ރައީސް
ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކުރެވޭ މުޢާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް، މި މަހުގެ ފަހުކޮޅު ލުޔެއް ދޭނެ ކަމުގެ އިޝާރާތް އެ ބޭންކުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ލިމިޓެއް ކަނޑައެޅީ ބޭންކަށް ޑޮލަރުގެ ދަތިކަން ކުރިމަތިވުމުން ކަމަށެވެ. ނަމަވެސް މި މަސް ނިމޭ ހިސާބުން "ވަރަށް ބޮޑުތަނުން" ލުޔެއް ދޭނެ ކަމުގެ އިޝާރާތް ބީއެމްއެލުން އެމަނިކުފާނަށް ދެއްވި ކަމަށް ވިދާޅުވިއެވެ.
"ބޭންކް އޮފް މޯލްޑިވްސް އަށް ދަތިތަކެއް ވާތީ މިހާރު ކުޑަކޮށް ލިމިޓް ކޮށްލައިގެން އެ އުޅެނީ. އެހެން ނަމަވެސް އަޅުގަނޑު އިއްޔެގައި ބޭންކަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގައި މި މަސް ނިމޭ ހިސާބުން އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއި ކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައި،" ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރުގެ ލިމިޓެކެވެ. މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރި ނަމަވެސް، މިހާރު ވަނީ ހުރިހާ ޑެބިޓް ކާޑުތަކަށް ވަކި ލިމިޓެއް ކަނޑައަޅައިފައެވެ. އެ ބަދަލާ ގުޅިގެން، ކުޑަ އަގެއްގައި އެއްޗެއް ބޭރުގެ ވެބްސައިޓަކުން ގަންނަން މަސައްކަތްކުރި ނަމަވެސް އެކަން ނުވެ، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ "ފޮރިން ސްޕެންޑް ލިމިޓް" އެކްޓިވްވާ ގޮތަށް މިހާރު ހަމަޖައްސާފައި ވަނީ ހަމައެކަނި ރާއްޖޭން ބޭރުގައި ތިބޭ ވަގުތަށެވެ. އެ ބަދަލު ގެނައީ، ރާއްޖޭގައި ތިބެ ރާއްޖޭން ބޭރަށް ދާ މީހުންނަށް ކާޑު ކުއްޔަށް ދީގެން ވިޔަފާރި ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
ބޭރުގެ ސައިޓުތަކަށް ޑޮލަރުން ކުރާ ހޭދަ ބޮޑުވުމާ ގުޅިގެން، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ވެސް ބީއެމްއެލުން ކުރިން ވަނީ ނިންމައިފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިޢުލާންކޮށްފައިވާ ގޮތުން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖޭން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑުވާނެއެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖޭން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި، ބޭސްފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރުގެ ލިމިޓެއް ދީފައިވެއެވެ.