ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ
މާލެ ކައިރިން، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ފަޅަށް ވަންނަ ހިސާބުން މިއަދު ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މި ހާދިސާ ހިނގީ ދެ މީހުންނާއެކު ދަތުރުކުރި "ޓުއަރ ގާޑް" ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށާއި، އެ ދެ ފަޅުވެރިންނަށް ބޮޑެތި ހާނިއްކަތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ. އެ ހާދިސާ ހިނގުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ފެށީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ކަމަށް ވެސް ކޯސްޓްގާޑުން ބުނެއެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ ވަގުތު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ދެ ލޯންޗު ޖެހުނީ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ފަޅަށް ވަންނަ ދިމާލުންނެވެ. މި އެކްސިޑެންޓުގައި އެއް ލޯންޗު ވަރަށް ބޮޑަށް ފުނޑުފުނޑުވެފައިވާއިރު، އެކްސިޑެންޓުވި އަނެއް ލޯންޗު ފިލާފައިވާ ކަމަށް ވެސް އޭނާ ކިޔައިދިން ކަމަށް އެ ނޫހުގައިވެއެވެ.
ވަގުތު ނޫހުގައިވާ ގޮތުން، ފުނޑުފުނޑުވި ލޯންޗުގެ ކައްޕި ފުރަތަމަ އިނީ ލޯންޗު ތެރޭގައި ތާށިވެފައެވެ. ލޯންޗު ދުއްވަން އިން ދިމާލުން، ލޯންޗު ފަޅައިގެން ދިއުމާ ގުޅިގެން ނުކުމެވޭނެ ގޮތެއް ނެތިގެން އޭނާ ތާށިވެ، ގައިން ލޭ ފައިބަމުން ދިޔައިރު، ފުލުހުން ދިޔައީ އޭނާ ލޯންޗުން ނެރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެ ނޫހުގައިވެއެވެ.
ފުނޑުފުނޑުވި ލޯންޗު މިހާރު އޮތީ އިއްޒުއްދީން ފާލަން ކައިރީގައި ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވަގުތު ނޫހުގައިވެއެވެ.