Advertisement

ދުންފަތާ ދެކޮޅަށް ފަސް އަހަރުގެ ޤައުމީ ކެމްޕޭނެއް ފަށައިފި

31 May 2026 | 18:49
ވަޒީރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށް ފަސް އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެއް ސަރުކާރުން މިއަދު ފަށައިފިއެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭއާ ގުޅުވައި ރައީސް އޮފީހުގައި ބައެއް ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ. ގައިން ގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންގެ 84 އިންސައްތައަކީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްޙީ ހިރާސްތަކާ ގުޅުން ހުރި މީހުން ކަމަށް ވެސް ވިދާޅުވިއެވެ. ޖެނެރޭޝަނަލް ބޭން ތަޢާރަފުކޮށް ތަންފީޒުކުރާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށާއި، ވޭޕް މަނާކުރުމަކީ ރައްޔިތުން ދުރުހެލިކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިއީ ކުރު މުއްދަތެއްގައި ނަތީޖާ ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންނާއި ސަރުކާރާއި ޖަމިއްޔާ ޖަމާޢަތްތަކާއި ވުޒާރާތަކުގެ ބައިވެރިވުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ވޭޕް މަނާކުރުމާ ގުޅޭ ގޮތުން 215 ޕީޓީއޭއާ ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. ޒުވާނުންނާއި ދަރިވަރުންގެ ޙައްޤުގައި އެ ނިންމުން ނިންމެވީ ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރެއްވުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ. މަދުރަސީ ނިޒާމުގެ ތެރެއިން "ބިންގާ" ޕްރޮގްރާމުގައި ދުންފަތުގެ ނުރައްކާ ހިމަނައި، ހުރިހާ ސްކޫލެއްގައި ސިއްޙީ އަދި އިޤުތިޞާދީ ގެއްލުންތަކުގެ މަޢުލޫމާތު ދަރިވަރުންނާއި ޢާއިލާތަކަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، ވޭޕް ބޭން ކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. ފަސް އަހަރުގެ ކެމްޕޭން ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް ކްލަބް ޖަމިއްޔާތަކަށް އިންސެންޓިވާއި އެވޯޑުތައް ދެއްވުމާއި، ޔޫތު އެމްބެސެޑަރުން ހޮއްވަވައި، ޒުވާނުންގެ އިސްނެގުމާ އެކު އަތޮޅުތެރޭގައި އެޑްވަކަސީ ޕްރޮގްރާމްތައް ހިންގެވުމަށް ރާއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދޮޅު އަހަރެއްހާ ދުވަހު ހިންގަމުން އަންނަ "ހަށިހެޔޮ" ޕްރޮގްރާމުގެ ތެރޭގައި ދުންފަތާ ގުޅޭ މަޢުލޫމާތު ސެޝަންތައް ހިމެނުމަށް ނިންމައި، މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ފޯރުކޮށްދެއްވުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ވޭޕް ބޭން ކުރެވުނު އެއް ސަބަބަކީ މަސްތުވާތަކެތި އެކުލެވޭ ވޭޕް ބޭނުންކުރުން ކަމަށާއި، އެއީ ބެލެނިވެރިންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އެންޖީއޯތަކުން ވެސް މި ކެމްޕޭނުގައި ބައިވެރިވެ، ޒުވާނުން ދުންފަތާ ދުރުކުރެއްވުމުގައި ޒިންމާ ނެންގެވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް
ވަކީލު
ދުންފަތް ބޯންދީފަ ބައިތިއްބާ. ދުންފަތް ގަސްވެސް ރަށްރަށުގައި ބޯކޮށް ހައްދާ. އަދި ދުންފަތުން ސަޓަނިވެސް ހަދައިގެން ކަލޭމެން ކައިބަލަ.
01 Jun 2026