ބަލިތައް ފެތުރޭ މިންވަރު އިތުރުވާތީ ޢީދު ދަތުރުތަކުގައި ސަމާލުވާން އެޗްޕީއޭ އިން އެދެފި
ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެ، މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑެންގީ އާއި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ޢީދު ބަންދު ދުވަސްވަރު ކަމުން، ރާއްޖެ އިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވެ، ގޭގެއަށް ޒިޔާރަތް ކުރުމާއި މީހުން އެއްވެ އުޅުން ގިނަވާނެތީ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެޗްޕީއޭ އިން ވަނީ ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތް ފެންނަ ނަމަ ގޭގައި މަޑުކޮށް، އާންމު އެއްވުންތަކުގައި ބައިވެރިނުވުމަށް އެދިފައެވެ. އަދި ހާލަތު ގޯސްވާ ނަމަ ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި، އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް ފަދަ މީހުން ގިނަ ބަންދު ތަންތަނުގައި މާސްކު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް ވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން މަދިރީގެ ޒަރީއާ އިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، މަދިރި ލޯޝަން ބޭނުންކުރުމާއި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި ގެއާއި ގޯތިތެރެ އިން މަދިރި އާލާވާ ތަންތަން ނައްތައިލުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.