ޢީދު ބަންދާ ގުޅިގެން ގޯއްޗާއި ފްލެޓަށް އެދުމުގެ ސުންގަޑި ޖޫން 15 އަށް ފަސްކޮށްފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ޖޫން 15 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހައުސިން ވުޒާރާއިން މިއަދު އިތުރުކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ ކުރިއަށް އޮތް އަޟްޙާ ޢީދަކީ ގިނަ ބަޔަކު ޢާއިލާއާ އެކު ޗުއްޓީއަށް ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި ސަރުކާރު ބަންދުކޮށްފައި އޮތުމުން، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމަށް ދަތިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ހުށަހަޅަމުންދާ ކަމަށެވެ.
ކުރިން ހަމަޖައްސާފައި އޮތީ މެއި މަހުގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށެވެ. ނަމަވެސް މި ސްކީމުތަކުގެ ސުންގަޑި މީގެ ކުރިން ވެސް ތަފާތު ސަބަބުތަކާ ހެދި ތަކުރާރުކޮށް އިތުރުކުރަމުން އައިސްފައިވެއެވެ. ގޯއްޗަށް އެދުމުގެ ފުރުޞަތު ފުރަތަމަ ދިނީ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ދިނީ އޭޕްރީލް 17 ގެ ނިޔަލަށެވެ. އެ ދެ މުއްދަތު ވެސް ފަހުން އޭޕްރީލް ނިޔަލަށް، އަދި މެއި ނިޔަލަށް އިތުރުކުރިއެވެ.
މިދިޔަ ޖެނުއަރީ 18 ގައި ހުޅުވައިލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.