ޙައްޖުގެ ސަލާމަތީ ތައްޔާރީތައް ސަޢޫދީ ދާޚިލީ ވަޒީރު ބައްލަވައިލައްވައިފި
ޙައްޖުގެ ސަލާމަތީ ކަންކަމަށް ތައްޔާރުވެފައިވާ މިންވަރު ސަޢޫދީ ޢަރަބިއްޔާގެ ދާޚިލީ ވަޒީރު އަދި ސުޕްރީމް ޙައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަޢޫދު ބިން ނާއިފް ބައްލަވައިލައްވައިފިއެވެ.
މައްކާގައި ބޭއްވި ރަސްމިއްޔާތުގައި ސެކިއުރިޓީ ސިމިއުލޭޝަންތަކާއި ފީލްޑް ތަމްރީނުތައް ދައްކައިލައިފައިވެއެވެ. މީގެ އިތުރުން ޙައްޖުގައި ބޭނުންކުރާ ސެކިއުރިޓީ ވެހިކަލްތަކާއި ޒަމާނީ ޓެކްނޮލޮޖީ އާއި ސެކިއުރިޓީ އޭވިއޭޝަންގެ ޤާބިލުކަން ވެސް ދައްކައިލައިފައިވެއެވެ.
ޕަބްލިކް ސެކިއުރިޓީގެ ޑިރެކްޓަރު އަދި ޙައްޖު ސެކިއުރިޓީ ކޮމިޓީގެ ޗެއާމަން މުޙައްމަދު އަލްބައްސާމީ ބުނީ ޙައްޖުވެރިންނަށް ޚިދުމަތް ކުރުމަށް ސަޢޫދީ ލީޑާޝިޕުން ހުރިހާ ވަސީލަތެއް ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ސަބަބުން ގިނަ ބަޔަކު އެއް ތަނެއްގައި މެނޭޖުކުރުމުގައި ސަޢޫދީ ޢަރަބިއްޔާ ވެފައި ވަނީ ދުނިޔެއަށް ނަމޫނާ ދައްކައިދޭ ޤައުމަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
ކުރީ އަހަރުތަކުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ތަފާތު ހާލަތްތަކަށް ތައްޔާރުވެވޭ ގޮތަށް ސެކިއުރިޓީ ޕްލޭންތައް ހަދައިފައިވާ ކަމަށް އަލްބައްސާމީ ބުނެފައިވެއެވެ. މައްކާ އާއި މުޤައްދަސް ބިންތަކާއި މަދީނާ އަދި ޙައްޖުވެރިން ދަތުރުކުރާ ހުރިހާ މަގެއްގެ ސަލާމަތީ ކަންކަން ކަށަވަރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ޙައްޖު ސިޔާސީ ކުރަން ނުވަތަ ޙައްޖުވެރިންގެ ސަލާމަތަށް ބުރޫއަރާ ފަދަ ކޮންމެ ކަމަކާ ހަރުކަށިކޮށް ކުރިމަތިލާނެ ކަމަށް ވެސް އަލްބައްސާމީ ބުނެފައިވެއެވެ.