Advertisement

ޙައްޖާ ދިމާކޮށް މައްކާ އާއި މަދީނާއަށް ގަދަ ހޫނުގެ އިންޒާރު

23 May 2026 | 09:32
-

ޙައްޖުގެ އަޅުކަން ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް، މައްކާ އާއި މަދީނާ އަދި މުޤައްދަސް ބިންތަކާ ގުޅޭ މަގުތަކަށް ގަދަ ހޫނުގެ އިންޒާރު ސަޢޫދީ ޢަރަބިއްޔާގެ މޫސުމާ ބެހޭ ޤައުމީ މަރުކަޒު (އެންސީއެމް) އިން ނެރެފިއެވެ.

އެ މަރުކަޒުން ބުނީ މައްކާގެ ފިނިހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށް، މަދީނާގެ ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިގެ ތެތްކަން %40 އާ ހަމައަށް ހުންނާނެ ކަމަށާއި ހާމަ ސަރަޙައްދުތަކުގައި ވެލި ބުރާ ވައި ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން ޖާޒާން، ޢަސީރް، އަލްބާހާ އަދި މައްކާގެ އުސް ސަރަޙައްދުތަކަށް ގުގުރުމާ އެކު ވާރޭ ވެހިދާނެ ކަމަށް ވެސް އެންސީއެމް އިން ލަފާކޮށްފައިވެއެވެ. ނަޖްރާން، ރިޔާޛް، އީސްޓާން ޕްރޮވިންސް، ތަބޫކް ފަދަ ސަރަޙައްދުތަކަށް ވެލި ބުރާ ވައި ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޙައްޖުވެރިންނާއި ދަތުރުވެރިން ގިނައިން ފެން ބޮއި، ރައްކާތެރިކަމުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ. މި އަހަރުގެ ޙައްޖުގައި 1.6 މިލިއަން ޙައްޖުވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޙައްޖުގެ އަޅުކަން ފެށޭނީ މެއި 25 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް