ބަންގާޅު ކަނޑާއި ޢަރަބި ކަނޑުގައި ތިން ކޮޅިގަނޑު
ބަންގާޅު ކަނޑާއި ޢަރަބި ކަނޑުގައި ޖުމުލަ ތިން ކޮޅިގަނޑު އުފެދިފައިވާ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން އިއްޔެ ހަވީރު ނެރުނު ޓްރޮޕިކަލް ވެދާ އައުޓްލުކުގައި ބުނެފައިވާ ގޮތުގައި، ބަންގާޅު ކަނޑުގެ ދެކުނުއިރުމަތީގައި ކޮޅިގަނޑެއް އުފެދިފައިވެއެވެ. ދެކުނުއިރުމަތީ ބަންގާޅު ކަނޑާއި އަންޑަމަން ކަނޑުގެ ސަރަޙައްދުގައި ބޯކޮށް ވިއްސާރަ ވިލާ ފެތުރިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޢަރަބި ކަނޑުގައި ދެ ކޮޅިގަނޑު އުފެދިފައިވެއެވެ. އެއް ކޮޅިގަނޑު އިއްޔެ އިރު މެދުން ޢަރަބި ކަނޑުގައި އުފެދި މިއަދު ވެސް އެ ސަރަޙައްދުގައި ދެމިއެބައޮތެވެ. ދެވަނަ ކޮޅިގަނޑު އިއްޔެ ދެކުނުއިރުމަތީ ޢަރަބި ކަނޑުގައި އުފެދިފައިވެއެވެ. މެދުތެރޭ އަދި ދެކުނު ޢަރަބި ކަނޑުގައި ބޯ ވިއްސާރަ ވިލާ ފެތުރިފައިވާ އިރު، ލަކްޝަދީބާއި ރާއްޖެ އަދި ކޮމޮރިން ސަރަޙައްދުގައި ވެސް ވިއްސާރަ ވިލާ ހުރި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ނަމަވެސް މި ތިން ކޮޅިގަނޑު ވެސް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުޞަތު ނެތް ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
އެހެން ނަމަވެސް އަރަބިކަނޑާއި ބަންގާޅު ކަނޑުގައި އުފެދޭ މިފަދަ ކޮޅިގަނޑުތަކުގެ ނުސީދާ އަަސަރު ރާއްޖެއަށް ކުރަމުންދެއެވެ.