މަޖުބޫރުން ކުރުވާ ކައިވެނި ހަރާމް - ފާފައިގެ ޒިންމާ މައިންބަފައިން އުފުލަންޖެހޭ: ޑރ. އިޔާޒް
ދަރިންނަށް މަޖުބޫރުކޮށްގެން ކައިވެނި ކުރުވުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ކުއްޖާއަށް ލިބޭ ހިތާމައިގެ ފާފަ މައިންބަފައިން އުފުލަންޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ކައިވެނި ޞައްޙަވުމުގެ އެންމެ މުހިންމު އެއް ޝަރުޠަކީ ދެ ފަރާތުގެ ރުހުން ލިބުން ކަމަށެވެ. ކުއްޖާ ނުރުހެނިސް ބިރުދައްކައިގެން ނުވަތަ ތަކުރާރުކޮށް ކިޔައިގެން މަޖުބޫރުން ކުރާ ކައިވެންޏަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޑރ. އިޔާޒް ވިދާޅުވީ، ޚަންސާ ބިންތު ޚިޛާމް ކިޔާ އަންހެން ބޭކަލަކު ނުރުހެނިސް ބައްޕަ މަޖުބޫރުން ކައިވެނި ކުރުވުމުން، އެކަމަނާ ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެން ޝަކުވާ ކުރެއްވުމުން ރަސޫލާ ﷺ އެ ކައިވެނި ބާޠިލްކޮށްލެއްވި ކަމަށެވެ. މީގެން އެނގެނީ ދަރިންނަށް މަޖުބޫރުކުރުމުގެ ބާރު ބައްޕައަކަށް ވެސް ނެތްކަން ކަމަށް ވިދާޅުވިއެވެ.
އެފަދަ ކައިވެންޏެއް ރޫޅިގެން ދިއުމުން ކުއްޖާ ދެވަނަ ފަހަރަށް ކައިވެންޏެއް ކުރަން ބިރުގަތުމަކީ ވެސް ކުއްޖާގެ ކުށެއް ނޫން ކަމަށާއި، އެ ޙާލަތަށް ކުއްޖާ ވައްޓައިލީ މައިންބަފައިން ކަމަށްވާތީ އެކަމުގެ ހުރިހާ ފާފައެއް އޮތީ މައިންބަފައިންގެ މައްޗަށް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. މައިންބަފައިންނަށް އޮތީ ދަރިންނަށް ނަޞޭޙަތްތެރިވުމާއި ރަނގަޅު މަގު ދެއްކުން ކަމަށާއި، ބާރުގެ ބޭނުންކޮށް ކުއްޖާގެ ދިރިއުޅުން ޤުރުބާންކޮށްލުމަކީ ދީނީ ގޮތުން ބޮޑުވެގެންވާ ފާފައެއް ކަމަށް ވިދާޅުވިއެވެ.