Advertisement

މީގެ 43 އަހަރު ކުރިން އިޓަލީ ރައްޔިތަކު އޭނާގެ އަނބިމީހާ ހަމަ އެ ހޮހޮޅަ ހިމެނޭ ސަރަހައްދަށް ގެއްލުނު ކަމަށް ބުނެފި

22 May 2026 | 22:33
ބެޓީން - ފޮޓޯ: އިޓަލީ މީޑިއާ

ފަސް އިޓަލީ ޑައިވަރުން މަރުވި ވ. އަތޮޅު ދެކުނު ކަނޑު ހޮހޮޅަ ހިމެނޭ ސަރަހައްދުގައި، މީގެ 43 އަހަރު ކުރިން ހަމަ އެ ފަދަ ހާދިސާއެއްގައި އޭނާގެ އަނބިމީހާ ގެއްލިގެން މަރުވި ކަމަށް އިޓަލީ ރައްޔިތެއް ކަމަށްވާ ޖޯޖޯ ބެޓީން ބުނެފިއެވެ.

އިޓަލީގެ އިލް ގަޒެޓީނޯ ނޫހަށް ދިން އިންޓަވިއުއެއްގައި ޕިއާނޯ ކުޅޭ ފަންނާނެއް ކަމަށްވާ ބެޓީން ބުނީ 1983 ވަނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު އޭނާގެ އަލަތު އަނބިމީހާ އެނާ މާރީއާ ޕިސްޓޮލާޓޯ (28އ) ފަސް މީހުންނާ އެކު ވ. އަތޮޅުގައި ޑައިވް ކުރަން ދިޔައީ ކަމަށެވެ. ބެޓީން މަޑުކުރީ ބޯޓުގައެވެ.

Advertisement

"ކުރު ޑައިވެއް ކުރާ ގޮތަށް ދިޔައީ. އެކަމަކު ދިރިހުއްޓައި އަނބިމީހާ ދެން ނުފެނުނު،" ބެޓީން ބުންޏެވެ. "ޕްލޭނަކީ 20 މީޓަރަށް ފީނުން. ނަމަވެސް ފަހުން އެނގުނީ 54 މީޓަރަށް ވެސް ވުރެ ތިރިއަށް ފައިބައިފައިވާ ކަން." އެނާ މާރީއާގެ ހަށިގަނޑު ފެނުނީ 20 ދުވަސް ފަހުންނެވެ. ހަށިގަނޑު ހުރީ ވަކި ނުވާ ހާލުގައެވެ.

މިދިޔަ ހަފުތާގައި މަރުވި ފަސް ޑައިވަރުން ވެސް ފީނާފައި ވަނީ ގާތްގަނޑަކަށް 60 މީޓަރު ފުނަށް, ރާއްޖޭގެ ޤާނޫނީ އިން ކަމަށްވާ 30 މީޓަރަށް ވުރެ މާ އަޑިއަށެވެ. ދެ ހާދިސާގައި ވެސް ހަމަ އެއް ސަރަހައްދެއް، ހުއްދަ ފުންމިނަށް ވުރެ ތިރިއަށް ފީނުން، އަދި ހިތާމަވެރި ނިމުމެކެވެ. މާރީއާއަކީ ޕާޑުއާ ރަށުގެ މީހެކެވެ. މިދިޔަ ހަފުތާގައި މަރުވި ޑައިވް އިންސްޓްރަކްޓަރު ޖާންލޫކާ ބެނެޑެޓީ ވެސް ނިސްބަތް ވަނީ ހަމަ ޕާޑުއާ އަށެވެ.

"ފަސް ޑައިވަރުންގެ ޚަބަރު، ޚާއްޞަކޮށް ޕާޑުއާގެ ޖާންލޫކާގެ ޚަބަރު އިވުމުން، އެ ދުވަސްތައް އަލުން ހަނދާނަށް އައީ،" ބެޓީން ބުންޏެވެ. "ހަމަ އެ ތަނުގައި ހިނގި ކަމެއް ކަން އެނގުނީމާ ބުނެދޭން ނޭނގޭ ހިތާމައެއް ވެރިވީ." ބެޓީން ބުނީ އެ ދުވަހު އޭނާގެ ދިރިއުޅުން މުޅިން ބަދަލުވި ކަމަށާއި ހަމައަކަށް އެޅެން އެތައް އަހަރެއް ނެގި ކަމަށެވެ. "އެ ދުވަހަށް ފަހު ދުވަހަކު ވެސް ފީނާކަށް ނުދަން،" ބެޓީން ބުންޏެވެ.

ބެނެޑެޓީގެ ޖަނާޒާއަށް "ހަމަ ޔަޤީނުން ވެސް" ދާނެ ކަމަށް ބެޓީން ބުނީ، އެ ޢާއިލާ ތަޙައްމަލުކުރާނެ ހިތާމަ ސީދާ އޭނާ އަށް އެނގޭތީ ކަމަށެވެ.

Advertisement

ކޮމެންޓް