Advertisement

ދެ ކޭސް ކޮރޯނާ ބިޔަރާ އެކު ހައްޔަރުކުރި ދެ ޒުވާނުން ބުނީ އެއީ ބޯން ގެންގުޅޭ ތަކެތި ކަމަށް

22 May 2026 | 21:16
މަންޒަރު ސިފަކޮށްދިނުމެއް -

ބަނގުރާ ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ބަންދުކޮށްފައި ވަނީ ނ. ކެނދިކުޅުދޫ، ކުޅުދޫގުލްފާމްގެ، ޒަޔާން ޔޫސުފް (23އ) އާއި ފ. ފީއަލި، ދޯދިލް، މައިޝަމް މުޙައްމަދު (20އ) އެވެ. ޒަޔާން މިހާރު ދިރިއުޅެމުން ދަނީ މާލެ، ގ. މެމޮރީވިލާ ގައެވެ.

Advertisement

ބަންދު އަމުރުގައިވާ ގޮތުން ސީނަށް ދިޔަ ފުލުހުން މި ދެ މީހުން ގެންގުޅުނު ކަޅު ދެ ކޮތަޅު ބަލާފާސްކުރުމުން، ކޮރޯނާ އެކްސްޓްރާ ބްރޭންޑްގެ ދެ ކޭސް ފެނިފައިވެއެވެ. އެ ދެ ކޭހުގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 48 ފުޅި ހިމެނެއެވެ. ފުލުހުން ސުވާލުކުރުމުން ދެ މީހުން ވެސް ވަނީ އެއީ ބޯން ގެންގުޅޭ ތަކެތި ކަމަށް އިޢުތިރާފުވެފައެވެ.

ނަމަވެސް ގިނަ ޢަދަދެއްގެ ބަނގުރާ ފުޅި ފެނިފައިވާތީ، މިއީ ވިޔަފާރި ކުރުމަށް ގެންގުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމެވެ. ފަސް ދުވަހުގެ މުއްދަތެއް ދީފައި ވަނީ ދެ މީހުން ވެސް ވަކީލެއްގެ ފުރުޞަތަށް އެދިފައިވާތީއެވެ.

Advertisement

ކޮމެންޓް