ޑޭން ޔޫރަޕްގެ ރަސްމީ ބަޔާން ނެރެފި - އިލްތިމާސްކުރީ ތަމްރީނާއި ހުއްދައާއި ޚާއްޞަ އާލާތް ނުލައި އެ ހޮހޮޅައަށް ނުވަނުމަށް
ވ. އަތޮޅު ދެކުނު ކަނޑު (ތިންވަނަ ކަނޑު) ހޮހޮޅައިގެ ތެރޭގައި ފަސް އިޓަލީ ޑައިވަރުން މަރުވި ހާދިސާގެ ޕްރިލިމިނަރީ ރީކޮންސްޓްރަކްޝަން ހިމެނޭ ރަސްމީ ބަޔާނެއް، ދިވެހި އިދާރާތަކާ ގުޅިގެން ޑޭން ޔޫރަޕުން މިއަދު ނެރެފިއެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި މެއި 18 އިން 21 އަށް ހަތަރު ދުވަހުގެ ސާޗް އެންޑް ރިކަވަރީ މިޝަން ކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް އާއި ފުލުހުންނާއި ޑޭން ޔޫރަޕާއި ނަކައި ރިޒޯޓް އަލިމަތާ އާއި ވޯޓާ ސޮލިއުޝަންސް އާއި ފޯސައިޓް ސާވެޔާސް އާއި ފިންލެންޑް ޓެކްނިކަލް ޑައިވިންގ ޓީމާއި އިޓަލީ ފޮރިން މިނިސްޓްރީ ގުޅިގެން ކަމަށެވެ.
ފުރަތަމަ ދުވަހު ހޮހޮޅައިގެ ތެރެ ބަލައި ޑައިވަރުން ދެނެގަތް އިރު، ދެވަނަ އަދި ތިންވަނަ ދުވަހު ހަށިގަނޑުތައް ނެގީ ވަރަށް ދަތި ހާލަތްތަކެއްގައި ކަމާއި ހަތަރުވަނަ ދުވަހު ހޮހޮޅައިގެ ތެރެއިން ހުރިހާ ސާމާނެއް ނެގައި ކަމާ ބެހޭ އިދާރާތަކާ ހަވާލުކުރެވުނުކަން ފާހަގަކޮށްފައިވެއެވެ.
ހޮހޮޅައިގެ އޮނިގަނޑު ސިފަކޮށް ބަޔާނުގައި ބުނެފައިވާ ގޮތުގައި ހޮހޮޅައިގެ ތެރެއަށް ވަންނައިރު ފުރަތަމަ އޮންނަނީ ބޮޑު ޗެމްބަރެކެވެ. އެ ތަނުން ޓަނަލެއް ހުރެ، އެ ޓަނަލް ގޮސް ނިމެނީ ބޮޑު ދެވަނަ ޗެމްބަރަކަށެވެ. ދެވަނަ ޗެމްބަރުގައި ޤުދުރަތީ އެއްވެސް އައްޔެއް ނެތް އިރު، ވެލި ހިލިއްޖެ ނަމަ ވިޒިބިލިޓީ ވަރަށް ބޮޑަށް ދަށްވެއެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ހޯދުމަކީ، ދެވަނަ ޗެމްބަރުގެ ތެރެއިން ވަންނަ ޓަނަލް ކައިރީ އެއް ފަރާތުގައި އިތުރު ޓަނަލެއް ފެނުނު ކަމެވެ. ހަތަރު ޑައިވަރުން ފެނުނީ އެ ޓަނަލުގެ ތެރެއިން، އެއް ސަރަހައްދަކުންނެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް، ޑައިވަރުންނަށް ނުކުންނަން އޮތް މަގު ނުފެނުނީ ހޮހޮޅައިގެ ތެރޭގައި މަގު އޮޅިގެން ކަމަށް ބެލެވޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ހާދިސާ ހިނގި ސީދާ ސަބަބާއި ޒިންމާ ކަނޑައެޅުން ބަޔާނުގައި ވަނީ ތަހުގީގީ އިދާރާތަކަށް ދޫކޮށްލައިފައެވެ. ޔަޤީން ނުވާ ވާހަކައާއި ލަފާކުރުންތައް ފެތުރުމުން ދުރުހެލިވުމަށް ވެސް ބަޔާނުގައި ވަނީ މީޑިއާ އާއި ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.
ބަޔާން ނިންމައިލާފައި ވަނީ ޚާއްޞަ ކޭވް ޑައިވިންގ ތަމްރީނާއި ހުއްދައާއި ޓެކްނިކަލް އާލާތް ނެތި މި ހޮހޮޅައަށް ނުވަނުމަށް ބާރު އަޅައި، މި ހާދިސާގައި ފުރާނަ ގެއްލުނު ހަ މީހުން، އިޓަލީ ޑައިވަރުންނާއި ރިކަވަރީ އޮޕަރޭޝަންގައި ނިޔާވި ދިވެހި ސިފައިންގެ އޮފިސަރުގެ ހަނދާނުގައެވެ.