ޑްރަގާއި ވިކުރާ ފޮތަކާ އެކު އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް
މާލޭ ގެއެއް ބަލާފާސްކޮށް، މަސްތުވާތަކެއްޗާއި ވިކުރާ ފޮތަކާ އެކު ތިން މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.
ބަންދުކޮށްފައި ވަނީ މ. ތަރިވިލާގެ، މުޙައްމަދު ޙުޝާމް (46އ) އާއި ގދ. ގައްދޫ، އެތުމާގެ، ޢާއިޝަތު ނަޡުމާ (45އ) އާއި ސ. ހިތަދޫ، ޢަލީބޮޚާރީގެ، އަޙްމަދު ޝުޖާޢު (33އ) އެވެ. ނަޡުމާ މިހާރު ދިރިއުޅެމުން ދަނީ ގ. މަލަސް ގައެވެ. ޝުޖާޢު ދިރިއުޅެމުން ދަނީ ހ. ކަފުރުތޮޅިގެ ގައެވެ. ތިން މީހުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރުމެވެ.
ބަންދު އަމުރުގައިވާ ގޮތުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން މ. ތަރިވިލާގެ ބަލާފާސްކުރުމުން، ކޮޓަރީގެ ފްރިޖް މަތީގައި ހުރި ޕްލާސްޓިކް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސިރިންޖެއް ފެނިފައިވެއެވެ. ސިޓިންރޫމުން ވިކުރާ ފޮތަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާ އިރު، ފާރުގައި ހަރުކޮށްފައި ހުރި ޕްލާސްޓިކް ވަށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ވެސް ފެނިފައިވެއެވެ.
ޙުޝާމްގެ ކުޑަކަމުދާތަކެތި ހަތަރު ބާވަތަކަށް ޕޮޒިޓިވް ވެފައިވާ އިރު (އޯޕީއައި، ބެންޒޯ، ސީއޭޓީ، ޑީއެކްސްއެމް)، ނަޡުމާގެ ކުޑަކަމުދާތަކެތި ފަސް ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައެވެ (އޯޕީއައި، ބެންޒޯ، އޭއެމްޕީ، ސީއޭޓީ، ޑީއެކްސްއެމް). ޝުޖާޢު ކުޑަކަމުދާތަކެތީގެ ސާމްޕަލް ދީފައެއް ނުވެއެވެ.
ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ޙުޝާމަކީ ހައްޔަރާއި ބަންދުގެ ގިނަ ރެކޯޑުތައް ހުރި، ގިނަ ބަޔަކަށް މަސްތުވާތަކެތި ފޯރުކޮށްދޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ފަރާތެކެވެ. ޝުޖާޢުގެ ރެކޯޑުގައި ވެސް ވައްކަން ފަދަ ކުށްތައް ހިމެނެއެވެ.
ތިން މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމެވެ. ތިން މީހުން ވެސް ބައިތިއްބާފައި ވަނީ ކަސްޓޯޑިއަލް ޖަލުގައެވެ.