ޑައިވަރުން ހޮހޮޅައިގެ ތެރެއަށް ދަމައިގަތީ ކަމަށް ގަބޫލެއް ނުކުރެވޭ: ސާމީ ޕާކަރިނެން
ވ. އަތޮޅު ދެކުނު ކަނޑު ހޮހޮޅައިގެ ތެރެއިން މަރުވެފައި ތިއްބައި ފެނުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ނެގުމުގައި ޢަމަލީ ގޮތުން ބައިވެރިވި ފިންލެންޑް ރެސްކިއު ޑައިވަރު ސާމީ ޕާކަރިނެން ފުރަތަމަ ފަހަރަށް މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކައި، ޑައިވަރުން ހޮހޮޅައިގެ ތެރެއަށް ދަމައިގަތީ ކަމަށް ބުނާ ތިއަރީ ދޮގުކޮށްފިއެވެ.
460 ފޫޓަށް ފީނުމުގެ ޤާބިލުކަން ހުރި ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ ޕާކަރިނެން އިޓަލީގެ ކޮރިއޭރެ ޑެއްލާ ސޭރާ ނޫހަށް ބުނީ ހޮހޮޅައިގެ ތެރެއިން ކަރަންޓް ދައުރުވާ ކަމަށާއި، ހޮހޮޅަ "ނޭވާލާ" ކަމަށެވެ. ނަމަވެސް އެ އޮޔަކީ މީހަކު ދަމައިގަނެވޭ ވަރުގެ ބާރު އޮއެއް ނޫން ކަމަށް ބުންޏެވެ. ރެސްކިއު ޓީމް ހޮހޮޅައިގެ ތެރެއަށް ވަންތް އިރު ވެސް އޮއެ ހުރީ ވަރަށް ލުއިކޮށް ކަމަށް ޕާކަރިނެން ބުންޏެވެ.
މީގެ ކުރިން އިޓަލީގެ ސޮސައިޓީ އޮފް އަންޑަވޯޓާ އެންޑް ހައިޕަބެރިކް މެޑިސިންގެ ރައީސް އަލްފޮންސޯ ބޮލޮންޔީނީ ވަނީ ހޮހޮޅައިގެ ހަނި މަގުން އުފެދޭ "ވެންޗޫރީ އިފެކްޓެއް" ގެ ސަބަބުން ޑައިވަރުން ތެރެއަށް ދަމައިގަތީ ކަމަށް ލަފާކޮށްފައެވެ. ޕާކަރިނެން ގެ ވާހަކައިން މި ތިއަރީ ބާޠިލުވެއެވެ.
ޕާކަރިނެން އިތުރަށް ބުނީ ދެކުނު ކަނޑު ހޮހޮޅަ ދުވަހަކު ވެސް މެޕް ކޮށްފައި ނުވާ ކަމަށާއި، އެ ފުންމިނަށް ފީނުމަށް ތަފާތު ވައްތަރެއްގެ އާލާތާއި ތައްޔާރީތައް ބޭނުންވާ ކަމަށެވެ. އޮޅިގެން ހޮހޮޅައެއްގެ ތެރެއަށް ވަދެވުމުގެ ފުރުޞަތު ވެސް ނެތް ކަމަށް ބުނެ ޕާކަރިނެން ބުނީ 60 މީޓަރު ފުންމިނުގައި ވެސް އިރުގެ އަލި ފެންނާނެ ކަމަށާއި، ހޮހޮޅައެއްގެ ތެރެއަށް ވަންނައިރު އެ ކަން އެނގޭނީ އަނދިރިވާތީ ކަމަށެވެ.
ފިންލެންޑް ޑައިވަރުންގެ ފަރާތުން އެހެން ތިއަރީއެއް ވެސް ވަނީ ހުށަހަޅައިފައެވެ. އެ ޑައިވަރުން ބުނާ ގޮތުގައި ހޮހޮޅައިގެ ފުރަތަމަ ބައި ފެށެނީ ބޮޑު، އަލި، ހުންނަ ޗެމްބަރަކުންނެވެ. އެ ތަނުން ގާތްގަނޑަކަށް 30 މީޓަރު ދިގު، ތިން މީޓަރު ފުޅާ ކޮރިޑޯއެއް ހުރެ، އެ ކޮރިޑޯ ގޮސް ނިމެނީ އެއްވެސް ޤުދުރަތީ އައްޔެއް ނެތް ބޮޑު ވަށް ޗެމްބަރަކަށެވެ. ކޮރިޑޯ އާއި ދެވަނަ ޗެމްބަރާ ދެމެދު ވެލީ ފުންޏެއް ހުރެއެވެ. ޑައިވަރުންނަށް ދެވަނަ ޗެމްބަރަށް ވަދެވުނީ ވެލި ފުނި ނުފެނި ކަމަށް ބެލެވެއެވެ. ނަމަވެސް އެނބުރި ދާން ބަލާ އިރު، އެ ވެލީގެ ފާރެއްހެން ފެނި، ނުކުންނަން އޮތް މަގު ފޮރުވިފައި އޮތީއެވެ. ވެލި ފުނީގެ ވާތް ފަރާތުން ކުޑަ ކޮރިޑޯއެއް ފެނިގެން، އެ މަގަކީ ނުކުންނަން އޮތް މަގު ކަމަށް ހީކޮށް ވަނީމާ ގޮސް ނިމެނީ ނުކުމެވެން ނެތް ޑެޑް-އެންޑަކަށެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މާރޯނީ ބުނީ ހަތަރު މީހުން ފެނުނު ތަނުން "ނުކުމެވެން ނެތް" ކަމަށެވެ. ސްޓޭންޑަޑް ޓޭންކް ބޭނުންކޮށްގެން އެ ފުންމިނުގައި ލިބެނީ ގާތްގަނޑަކަށް 10 މިނެޓް ކަމަށާއި، ނުބައި މަގަކުން ވަދެވުނުކަން އެނގި، ވައި ހުސްވާން ފެށީމާ ނޭވާ އަވަސްވެ، ވައި އިތުރަށް މަދުވީ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާގައި މަރުވީ ކަނޑުގެ ދިރުންތަކާ ބެހޭ ޕްރޮފެސަރު މޮނީކާ މޮންޓެފަލްކޯނީ އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖާ ސޮމަކާލް އާއި ދެ ރިސާޗަރުން ކަމަށްވާ ފެޑެރީކޯ ގުއާލްޓިއޭރީ އާއި މުރިއެލް އޮޑެނީނޯ އެވެ. ގައިޑެއްގެ ގޮތުގައި ދިޔަ ޖާންލޫކާ ބެނެޑެޓީ ފެނުނީ ހޮހޮޅައިގެ ދޮރު ކައިރިންނެވެ. ޑައިވަރުންގެ ގޯޕްރޯ ކެމެރާތައް ފެނިފައިވާ އިރު، ފުރަތަމަ އޮޓޮޕްސީ ވެސް މިހާރު ވަނީ ފެށިފައެވެ.