ޢީދާ ދިމާކޮށް ގެރިއާއި ޖަމަލު ކަތިލުމުގެ މަނާކުރުން ދިއްލީގައި ހަރުކަށިކޮށް ތަންފީޒުކުރަން އަންގައިފި
އަޟުޙާ ޢީދާ ދިމާކޮށް ގެރިއާއި ގިތެޔޮ އަދި ޖަމަލު ކަތިލުން މަނާކުރާ ޤާނޫނު ހަރުކަށިކޮށް ތަންފީޒުކުރުމަށާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް އިންޑިއާގެ ވެރިރަށް ދިއްލީގެ ޑިވެލޮޕްމަންޓް މިނިސްޓަރު ކަޕިލް މިޝްރާ އަންގައިފިއެވެ.
ބުރާސްފަތި ދުވަހު ކަމާ ބެހޭ އިދާރާތަކުގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިޝްރާ ބުނީ ޢީދުގެ ޤުރުބާނީ ކުރެވޭނީ ހަމައެކަނި ހުއްދަ ދީފައިވާ ތަންތަނުގައި ކަމަށެވެ. މަގުމައްޗާއި ޢާންމު ތަންތަނުގައި ޖަނަވާރު ކަތިލުން އަދި ޖަނަވާރު ގަނެ ވިއްކުމަކީ މުޅިން މަނާ ކަމެއް ކަމަށް ވެސް ބުންޏެވެ. ޤާނޫނާ ޚިލާފަށް ޖަނަވާރު އުފުލުމާއި ކަތިލުމާ ގުޅޭ ޝަކުވާ ލިބޭ ހާލަތްތަކުގައި ވަގުތުން ފިޔަވަޅު އެޅުމަށް ވެސް މިޝްރާ ވަނީ އޮފިޝަލުންނަށް އަންގައިފައެވެ.
މީގެ އިތުރުން ކަތިލާ ޖަނަވާރުގެ ލޭ މަގުމައްޗަށާއި ކާނުތަކަށް ފޭބިޔަ ނުދިނުމަށާއި، ބާކީވާ ބައިތައް ހާމަ ތަންތަނަށް އުކައިނުލައި ކަނޑައެޅިފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ނައްތައިލުމަށް ވެސް އެންގިއެވެ. ޖަނަވާރަށް އަނިޔާކުރުމަކީ 1960 ވަނަ އަހަރުގެ ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު އެނިމަލްސް ޤާނޫނުގެ ދަށުން ކުށެއް ކަމަށް ބުނެ، ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދަޢުވާ ކުރުމަށް ވެސް އެންގިއެވެ.
އިންޑިއާއަކީ ހިންދޫ ދީނުގެ އެންމެ ގިނަ ބަޔަކު ދިރިއުޅޭ ޤައުމެވެ. ހިންދޫ ދީނުގައި ގެރިއަކީ މާތް ޖަނަވާރެއް ކަމުގައި ބެލެވޭތީ، ގެރި ކަތިލުން އެ ޤައުމުގެ ގިނަ ސްޓޭޓްތަކުގައި ވަނީ ޤާނޫނީ ގޮތުން މަނާކޮށްފައެވެ. ކޮންމެ އަޟުޙާ ޢީދަކާ ދިމާކޮށް މުސްލިމުންގެ ޤުރުބާނީގެ އަޅުކަމާ ގުޅޭ ގޮތުން މި ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަކީ އެ ޤައުމުގެ މުސްލިމް މައިނޯރިޓީން ކަންބޮޑުވާ ކަމެކެވެ.