ޙައްޖުގެ އަޅުކަމަކީ މާތް ﷲ އަށް ކިޔަމަންގަތުމުގެ ޢަމަލީ ތަމްރީނެއް: ޚުޠުބާ
ޙައްޖުގެ އަޅުކަމުގެ މަނާސިކުތަކަކީ މާތް ﷲ ގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށާއި އެކަލާނގެ މަނާކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް ދެވޭ ޢަމަލީ ތަމްރީނުތަކެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް" މި މައުޟޫއަށް ޚާއްޞަކޮށްގެން ދެއްވި ޚުޠުބާގައި ބުނީ ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް ކަމަށެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމެންދެން ކުރިއަށް ދާ ފަދައިން، އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތިކުރަމުންދާ ކަމަށާއި، ދުނިޔޭގެ ދިރިއުޅުމަކީ ފިލައިދަނިވި ވަގުތީ އުފަލެއް ކަމުގައި ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނީ ޙައްޖުވެރިޔާ އިޙުރާމް ބަނުމާ އެކު ކުރިން ހުއްދަވެގެންވީ ކަންތައްތައް ޙަރާމްވާ ކަމަށާއި، އެ ގޮތަށް ނަފުސު ތަމްރީނުކުރެވޭ މީހާއަށް ޙަޔާތުގެ ރާސްތާގައި މާތް ﷲ ޙަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވެވޭނެ ކަމަށެވެ. އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫ ރައްކާތެރިކޮށް ޙައްޖުގެ މަނާސިކުތައް އަދާކުރި މީހާ، މައިމީހާގެ ބަނޑުން އުފަންވީ ދުވަހެކޭ އެއްފަދައިން ފާފަތަކުން ޠާހިރުވެގެން އެނބުރި އަންނާނެ ކަމަށް ރަސޫލާގެ ޙަދީޘުން ދަލީލު ދައްކައި، މަބުރޫރު ޙައްޖެއްގެ ޖަޒާއެއް ކަމުގައި ސުވަރުގެ މެނުވީ ނުވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ޙައްޖަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ މުހިންމުކަމަށް ބާރު އަޅައި ޚުޠުބާގައި ބުނީ ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި، ރަޙިމުގެ ގުޅުމާއި ޢާއިލީ ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުމަށެވެ. އަދި ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާ ފާޅުކުރާ އިރު، ރުޅިވެރިކަމާއި ޙަސަދަވެރިކަން ދޫކޮށް، އެއްބައިވަންތަ އަޚުންތަކެއް ކަމުގައި ވުމަށާއި އިސްލާމީ އުޞޫލުތަކަށް ރިޢާޔަތްކުރުމަށް ޚުޠުބާގައި ގޮވައިލައްވާފައިވެއެވެ.