ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެ، 118 މިލިއަން ރުފިޔާގެ ސާޕްލަސްއެއް
މި އަހަރުގެ މެއި 14 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.2 އިންސައްތައިން އިތުރުވެ، ބަޖެޓުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މި މުއްދަތުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 14.9 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ދެ ބިލިއަން ރުފިޔާއާ އަޅާބަލާއިރު 31.3 އިންސައްތައިގެ އިތުރުވުމެކެވެ.
ޚަރަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 16.7 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ 13.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 22.4 އިންސައްތައިގެ އިތުރުވުމެކެވެ. ޚަރަދު އިތުރުވި މައިގަނޑު ދާއިރާތަކަށް ބަލާއިރު، ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 77.8 އިންސައްތައިން އިތުރުވެ 2.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީ ބޮޑުވުމެވެ. މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު ވެސް ވަނީ 9.9 އިންސައްތައިން އިތުރުވެ 5.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ޚަރަދުތައް ހުރީ 2.1 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ.
ޚަރަދުތައް އިތުރުވި ނަމަވެސް، ވިޔަފާރިތަކުން ލިބޭ ޓެކްސް އާމްދަނީ ރަނގަޅުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓް ސާޕްލަސްގައި ދެމެހެއްޓިފައިވެއެވެ. ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.