ހޮހޮޅައިގެ ތެރެއިން ނެގި ސާމާނު ތަޙުޤީޤަށް ސީޒްކޮށް، ޑޭންގެ އޮޕަރޭޝަން ނިންމާލައިފި
ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހޮޅައިގައި މަރުވި ފަސް އިޓަލީ ޑައިވަރުންގެ ހަށިގަނޑު ނެގުމަށް ހިންގި ބައިނަލްއަޤުވާމީ އޮޕަރޭޝަންގެ ކަނޑު އަޑީގެ މަސައްކަތް، ހަތަރު ދުވަހަށް ފަހު ޑޭން ޔޫރޮޕުން އިއްޔެ ނިންމާލައިފިއެވެ.
ޑޭން ޔޫރޮޕުން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ކުރި ފަހު ފީނުމުގެ ބޭނުމަކީ "ސީން ކްލީންއަޕް" ކަމަށެވެ. އެ ގޮތުން ހޮހޮޅައިގެ ތެރޭގައި ހަރުކޮށްފައި ހުރި ގައިޑް ލައިންތަކާއި، އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު ނަގައި، ހޮހޮޅައިގެ ތެރެ ކުރިން ހުރި ގޮތަށް ރީސްޓޯ ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި ތަޙުޤީޤާ ގުޅުން ހުރި ކަމަށް ބެލެވޭ އިތުރު ސާމާނު ވެސް ނަގާފައިވެއެވެ.
ނެގި ހުރިހާ ސާމާނެއް، ޑައިވަރުންގެ އިކުއިޕްމަންޓާއި ރެސްކިއު ޓީމުތަކުގެ ސާމާނު ހިމެނޭ ގޮތަށް، ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށް، ތަޙުޤީޤަށް ރަސްމީކޮށް ސީޒްކޮށްފައެވެ.
އިއްޔެ ފީނުމުގެ މޫސުން ކުރީ ދުވަސްތަކަށް ވުރެ ގޯސް ކަމަށާއި، ވައި ގަދަވެ ކަނޑު މަތީ އޮއިވެސް ބާރު ކަމަށް ޑޭނުން ބުންޏެވެ. ފީނުން ޕްލޭނަށް ވުރެ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ލަހުން ފެށި އިރު، ހޮހޮޅައިގެ ތެރޭގައި ގާތްގަނޑަކަށް 50 މިނެޓް ހޭދަކޮށް، ޖުމުލަ ފީނުމުގެ ދިގުމިނަކީ ގާތްގަނޑަކަށް ތިން ގަޑިއިރެވެ.
މި އޮޕަރޭޝަނުގައި ކޯޑިނޭޓް ކުރީ ޑޭން ޔޫރޮޕުން ކަމަށް ވާ އިރު، ފީނުމުގެ މަސައްކަތް ކުރީ ފިންލެންޑުގެ ތިން ޑައިވަރުންގެ ޓީމަކުންނެވެ. އެ ޓީމަށް ދިވެހި ސިފައިންގެ ކޯސްޓް ގާޑާއި ފުލުހުންގެ ޑައިވިން ޔުނިޓް އަދި އިޓަލީގެ އޮތޯރިޓީތަކުން ވެސް އެހީތެރިވެފައިވެއެވެ.