ވަލެއް އައްސަން ފޭބި ފަހުން ގެއްލުނު މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ
ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން ވަލެއް އައްސަން މޫދަށް ފޭބި ފަޅުވެރިޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް، ނިޔާވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ނިޔާވެފައި ވަނީ ކ. ގުރައިދޫ، ރަތްވިލާގެ، އިބްރާހީމް ޝާކިރު (48 އަހަރު) އެވެ. އެ މީހާ ގެއްލުނީ ރޭ 18:30 ހާއިރުއެވެ. މިއަދު ހެނދުނު 08:25 ހާއިރު މޫދު އަޑިން ހަށިގަނޑު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދުވަހަށް އެނގިފައިވާ ގޮތުގައި، މޫދަށް ފޭބިއިރު އެ މީހާ އަޅައިގެން ހުރި މާސްކު ވެސް ވަނީ ވަކިން ފެނިފައެވެ.
ޝާކިރު ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެއާޕޯޓުގެ ރެސްކިއު ޓީމުތައް ހަރަކާތްތެރިވެފައިވެއެވެ.