ހޮހޮޅައިގެ ތެރެއިން ފެނުނު ގޯ ޕްރޯ ކެމެރާ އިޓަލީގެ ތަޙުޤީޤަށް އެކުއަޔާ ކުރާނެ: އިޓަލީ މީޑިއާ
ވ. އަތޮޅު އަލިމަތާ ކައިރީގައިވާ ކަނޑު އަޑީގެ ހޮހޮޅައިގައި މަރުވި ފަސް ޑައިވަރުންގެ ތަޙުޤީޤަށް، ހޮހޮޅައިގެ 60 މީޓަރަށް ވުރެ ފުނުން ރިކަވާ ކުރެވުނު ގޯ ޕްރޯ ކެމެރާ އެކުއަޔާ ކުރާނެ ކަމަށް އިޓަލީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިޓަލީގެ އިލް ފައްޓޯ ކޮޓީޑިއާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޯމުގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ވަނީ ޑައިވަރުން ބޭނުންކުރި ސާމާނާ އެކު ގޯ ޕްރޯ ކެމެރާ ވެސް ތަޙުޤީޤަށް ނެގުމަށް ނިންމައިފައެވެ. ހޮހޮޅައިގެ ތެރެއިން ނެގި މި ކެމެރާ އިން ޑައިވަރުންގެ ފަހު ވަގުތުތަކުގެ މުހިންމު ތަފްސީލް ލިބިދާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ހޮހޮޅައިގެ ތެރޭގައި ވިޒިބިލިޓީ ހުރި މިންވަރާއި ޑައިވަރުން ދަތުރުކުރި މަގު ހިމެނެއެވެ.
މީގެ އިތުރުން ރޯމުގެ ޕްރޮސެކިއުޓަރުން ވަނީ ޑައިވް އިންސްޓްރަކްޓަރު ޖަންލޫކާ ބެނެޑެޓީ (44 އަހަރު) ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ވެސް އަމުރުކޮށްފައެވެ. ބެނެޑެޓީގެ ހަށިގަނޑު އަންގާރަ ދުވަހުގެ ރޭ އިޓަލީގެ މެލްޕެންސާ އެއާޕޯޓަށް ގެންދެވިފައިވީ ނަމަވެސް، ފަސް ޑައިވަރުންގެ ހަށިގަނޑު ވެސް އިޓަލީ އަށް ގެނެވުމުން ނޫނީ އޮޓޮޕްސީ ނުފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއާ އެކު "ޑޫކް އޮފް ޔޯކް" ލައިވަބޯޑުގައި ތިބި 20 އިޓަލީ މީހުންގެ ބަޔާން ވެސް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޯމުގެ ޕްރޮސެކިއުޓާ އޮފީހުން މި މައްސަލަ ބަލަމުން ދަނީ "އިޙުމާލުން މީހުން މެރުން" ނުވަތަ ކަލްޕަބަލް ހޮމިސައިޑްގެ ތަޙުޤީޤެއްގެ ގޮތުގައެވެ. ދިވެހި ސަރުކާރުން ވެސް ވަނީ ވަކި ތަޙުޤީޤެއް ފަށައި، ޑައިވް ދަތުރު އިންތިޒާމުކުރި ފަރާތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅީ ރަނގަޅަށްތޯ ބެލުމުގެ މަސައްކަތް ފަށައިފައެވެ.