ޔަޒްމީދުގެ ބަދަލުގައި ޖޭއެސްސީ އަށް ޢަލީ ނަސީރު އައްޔަންކުރައްވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަންކުރެއްވީ ދަފްތަރު ނަމްބަރު 535، ޢަލީ ނަސީރު ޤާސިމް ކަމަށެވެ. ޤާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ނަސީރު ވަނީ ޕޮލިސް ބޯޑުގެ މެމްބަރުކަން ކުރައްވައިފައެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވައި، 2019 ވަނަ އަހަރުން ފެށިގެން އެ އިދާރާގެ ލީގަލް ކައުންސެލްކަން ވެސް ފުރުއްވާފައިވެއެވެ. ނަސީރަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.
ޔަޒްމީދު ޖޭއެސްސީ އަށް އައްޔަންކުރެއްވީ ފެބްރުއަރީ 23، 2025 ގައެވެ. ނަމަވެސް މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ އަށް ވޯޓު ނުދޭން އެދޭ، އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން، މިދިޔަ އާދިއްތަ ދުވަހު ޔަޒްމީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.