މާދަމާ ހޮހޮޅައަށް ފައިނަލް ޑައިވެއް ކުރާނެ - އެއީ ރިކަވަރީ އިކުއިޕްމަންޓްސް ނަގާ ސާފުކުރުމަށާ ރާއްޖެއަށް ހޮހޮޅަ ރަނގަޅަށް މެޕްކޮށްދޭން: ޑޭން ޔޫރަޕް
ވ. އަތޮޅުގެ ކަނޑުއަޑީ ހޮހޮޅައެއް ބަލައިލަން ފީނި ފަސް އިޓަލީ ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ހިންގި ރިކަވަރީ އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމައި، ހުރިހާ ޑައިވަރުންގެ ހަށިގަނޑު ނަގައިފައިވާ ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ބުނެފިއެވެ.
ޑޭން ޔޫރަޕުން މިއަދު ނެރުނު ބަޔާނުގައި ބުނީ ފިންލެންޑުގެ ތިން ޑައިވަރުންގެ ޓީމަކުން ތިން ދުވަހުގެ ޓެކްނިކަލް ޑައިވް އޮޕަރޭޝަނެއް ހިންގައި، ދެކުނު ކަނޑުގެ ހޮހޮޅައިން ހުރިހާ ހަށިގަނޑެއް ނެގީ އެމްއެންޑީއެފާއި ފުލުހުންނާއި މާލޭގައި ތިބި އިޓަލީ އޮތޯރިޓީތަކާ ގުޅިގެން ކަމަށެވެ. މިއަދުގެ ޑައިވް ކުރިއަށް ދިޔައީ ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން، ކްލޯޒްޑް-ސާކިޓް ރީބްރީދާ (ސީސީއާރު) އާއި ޑީޕީވީ ފަދަ ޓެކްނިކަލް ޑައިވިން ސިސްޓަމްތައް ބޭނުންކޮށްގެންނެވެ.
ޑޭން ޔޫރަޕުން ބުނީ ހޮހޮޅައިގެ ހަނި ދޭތެރެތަކުން ހަށިގަނޑު ނެރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އޭގެ ތެރޭގައި އިކުއިޕްމަންޓް އެޅިދާނެ ނުރައްކަލާއި، ކަނޑު އަޑީގެ ވެލި ހިލިގެން ފެންނަ މިންވަރު ދަށްވުން ހިމެނެއެވެ. ނަމަވެސް ޓީމުން މި ހުރިހާ ގޮންޖެހުމެއް ކާމިޔާބުކަމާ އެކު ހައްލުކުރި ކަމަށް ބަޔާނުގައިވެއެވެ.
ފިންލެންޑު ރެސްކިއު ޓީމުގެ ޑައިވަރުން ކަމުގައިވާ ސާމީ ޕާކަރީނެން، ޔެނީ ވެސްޓާލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ބުނީ "އެންމެ ފުރަތަމަ ވެސް ފާޅުކުރަން ބޭނުންވަނީ، ފުރާނަ ގެއްލުނު ޑައިވަރުންގެ ޢާއިލާތަކަށް ތައުޒިޔާ. ތިން ދުވަހުގެ އޮޕަރޭޝަނަށް ފަހު ހުރިހާ ޑައިވަރުން ވެސް މިހާރު ވަނީ ނެގިފައި، ގެއަށް ދިއުމުގެ މަގުމަތީގައި" ކަމަށެވެ. ޑޭން ޔޫރަޕާއި އިޓަލީ އެމްބަސީ އާއި އެމްއެންޑީއެފާއި ފުލުހުންނާއި — ވޮލަންޓިއަރުންނަށް ޓީމުން ޝުކުރު އަދާކޮށްފައިވެއެވެ.
ރިކަވަރީގެ މައިގަނޑު މަސައްކަތް ނިމުނު ނަމަވެސް، މާދަމާ ފައިނަލް ޑައިވެއް ކުރާނެ ކަމަށް ޑޭން ޔޫރަޕުން ބުނެއެވެ. އެ ޑައިވުގެ ބޭނުމަކީ ރިކަވަރީ އޮޕަރޭޝަނުގެ ތެރޭގައި ހޮހޮޅައިގައި ހަރުކުރި ގައިޑް ލައިންތަކާއި އިކުއިޕްމަންޓް ނަގައި ސާފުކުރުމާއި، ހޮހޮޅައިގެ ބައެއް ބައިތައް ޑޮކިއުމެންޓްކޮށް މެޕް ކުރުމަށް ފަހު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުމެވެ. ތަހުގީގު ކުރިއަށްދާތީ މި ޑައިވް ވެސް މުހިންމު ކަމަށް ޑޭން ޔޫރަޕުން ބުނެއެވެ.