ބާވެ ހަލާކުވާ ނޫޓުތަކުން ކުނޑި، އެ ކުނޑިން އާޓް - އެމްއެމްއޭގެ މުބާރާތެއް
ކުނޑިކޮށްފައިވާ ފައިސާގެ ނޫޓު ބޭނުންކޮށްގެން ސުވެނިއަރ ފަރުމާކުރުމާއި އާޓްވޯކް އުފެއްދުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާންކޮށްފިއެވެ.
މި މުބާރާތް ސޯޝަލް މީޑިއާގައި އިއުލާންކުރުމާ އެކު ބައެއް ފަރާތްތަކުން ވަނީ ނޫޓު ހަލާކުކުރުމާ ގުޅޭ ސުވާލުތައް އުފައްދައިފައެވެ. ނޫޓު ވީދައި ކުނޑިކޮށް ހަލާކުކުރުމަކީ ކުށެކެވެ. ނަމަވެސް މި މުބާރާތުގައި ބޭނުންކުރާ ކުނޑިއަކީ ބާވެ ހަލާކުވެގެން ދައުރުނުކުރެވޭ ވަރުވީމާ އެމްއެމްއޭ އިން ރަސްމީކޮށް ކުނޑިކުރާ ނޫޓުތަކުން އުފެދޭ ކުނޑިއެވެ.
ކުލަ ފަނޑުވެ، ވީދައިގެން ގޮސް، ރޫޖެހި ނުވަތަ އަނދައިގެން ގޮސް، އޭޓީއެމް ވެސް ގަބޫލުނުކުރާ ވަރަށް ހަލާކުވެފައި ހުންނަ ނޫޓުތައް ކޮންމެ ދުވަހަކު ވެސް އާންމުންނާއި ވިޔަފާރިވެރީންނާއި ބޭންކުތަކުން އެމްއެމްއޭ އަށް ގެނެއެވެ. އެ ނޫޓުތަކަށް ބަދަލުދިނުމަށް ފަހު، ނޫޓުގެ ފެންވަރު ޗެކްކުރާ މެޝިނަކުން ބެލައި، ދައުރުކުރެވޭ ވަރު ނޫން ނޫޓު ވަގުތުން ކުނޑިކުރެއެވެ. އެމްއެމްއޭގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، އެ އަހަރު އެކަނި 938,033 ނޫޓު ކުނޑިކުރެވުނެވެ. ފާއިތުވި ދެ އަހަރަށް ބަލާއިރު މި ޢަދަދު އެއް މިލިއަން ނޫޓަށް ވުރެ ގިނައެވެ.
މުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ ރަޖިސްޓްރީކުރަން ޖެހެއެވެ. ހުށަހަޅާ ޕްރޮޕޯސަލަށް ބެލުމަށް ފަހު ޝޯޓްލިސްޓްވާ ފަރާތްތަކަށް ޕްރޮޓޯޓައިޕް ހެދުމަށް ކުނޑިކޮށްފައިވާ ނޫޓުގެ ކުނޑި ހަވާލުކުރެވޭނެއެވެ. ސުވެނިއަރ ޑިޒައިނާއި އާޓްވޯކް، މި ދެ ކެޓަގަރީން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭނެއެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑި މިހާރު ވަނީ މި މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ.