ހަތަރު ޑައިވަރުން ވެސް ތިބީ ގާތް ގާތުގައި - ތިން ވަނަ ޗެމްބަރު ހީކުރި ވަރަށް ވުރެ ބޮޑު: ރައީސް އޮފީސް މީޑިއާ
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުން ވެސް ފެނުނީ ހޮހޮޅައިގެ ތިން ވަނަ، އަދި އެންމެ ބޮޑު ޗެމްބަރުގެ ތެރެއިން ގާތް ގާތުގައި ތިއްބައި ކަމަށް ރައީސް އޮފީހުގެ މީޑިއާ ޑިވިޝަނާ ހަވާލާ ދީ ސީއެންއެން އިން ރިޕޯޓު ކޮށްފިއެވެ.
ސީއެންއެން ބުނީ ފިންލެންޑް ޑައިވަރުން ރިޕޯޓު ކުރިގޮތުގައި ތިން ވަނަ ޗެމްބަރު ކުރިން ހީކުރީ ވަރަށް ވުރެ މާ ބޮޑު ކަމަށެވެ. މި ޗެމްބަރަކީ ހޮހޮޅައިގެ ތިން ބައިގެ ތެރެއިން އެންމެ ފުން އަދި އެންމެ ބޮޑު ބައެވެ.
ހަތަރު ޑައިވަރުން ގާތްގާތުގައި އެކީގައި ތިއްބައި ފެނުމުން ބެލެވެނީ، ހޮހޮޅައިގެ ތެރެއަށް ވެދެ ތިން ވަނަ ޗެމްބަރާ ހަމައަށް ގޮސް، އެނބުރި އާދެވޭ ގޮތް ނުވީ ކަމަށެވެ. ހޮހޮޅައިގެ ދޮރު ކައިރިން ކުރިން ފެނުނީ ފަސް ވަނަ ޑައިވަރު ޖާންލޫކާ ބެނެޑެތީގެ ހަށިގަނޑެވެ.
މިއީ ހޮނިހިރު ދުވަހު އެމްއެންޑީއެފް ޑައިވަރުންނަށް ވާސިލް ނުވެވުނު ޗެމްބަރެވެ. ފިންލެންޑުގެ ކޭވް ޑައިވިން ތަޖުރިބާކާރުން ކަމުަގައިވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލަންޑް، ޕެޓްރިކް ގްރޯންކްވިސްޓް، ރީބްރީދާ، އަންޑާވޯޓާ ސްކޫޓާ، އަދި ޓްރައިމިކްސް ގޭސް ބޭނުންކޮށް ގާތްގަނޑަކަށް ތިން ގަޑިއިރުގެ ޑައިވެއް ކޮށް ތިން ވަނަ ޗެމްބަރަށް ވާސިލް ވީއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ މިއަދު (އަންގާރަ) ދެ ހަށިގަނޑު އަދި މާދަމާ (ބުދަ) ބާކީ ދެ ހަށިގަނޑު ހޮހޮޅައިން ނެގުމަށް ރާވާފައި ވާ ކަމަށެވެ.