Advertisement

ގުދުރަތީ ކާރިސާއެއްގައި ހުރިހާ އެއްޗެއް ގެއްލުނު - އެހެނަސް މާތް ﷲގެ ރަހްމަތުން މިއަދު އެހުރީ މައްކާގައި

16 May 2026 | 13:49
56 އަހަރުގެ ހަރްތާތީ މުސީރޫން މުކްމިން -

އިންޑޮނީޝިޔާގެ އާސޭ ތަމިޔަންގް އަށް ނިސްބަތްވާ 56 އަހަރުގެ ހަރްތާތީ މުސީރޫން މުކްމިން، މިދިޔަ އަހަރު ފެންބޮޑުވެ ބިންގަނޑު ކެނޑުމުގެ ހާދިސާގައި ގެ ހަލާކުވެ ހުރިހާ މުދަލެއް ގެއްލުނު ނަމަވެސް، ތިން ދަރީންގެ އެހީތެރިކަމާ އެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ގޮސްފިއެވެ.

"ގެ މަރާމާތު ކުރާނެ ފައިސާ އެއް ނެތް، ނަމަވެސް މާތް ﷲ ގެ ރަހްމަތާ އެކު، ދަރީންގެ ބަރަކާތުން މައްކާ އަށް އާދެވިއްޖެ" ލޮލުން ކަރުނަ ހިލިފައިވާ ހާލު ހަރްތާތީ ބުންޏެވެ.

Advertisement

މައްކާގެ ޖަރްވާލް ސަރަހައްދުގެ ހޮޓެލުގައި ޙައްޖު މީޑިއާ ސެންޓަރާ ވާހަކަ ދެއްކީ މެއި 12 ގައެވެ.

ފެންބޮޑުވުމުގެ ހާދިސާ ހިނގީ ކުއްލިއަކަށެވެ. "ގެއަށް ފެން ވަންނާން ފެށީ ހަމަ ކުއްލިއަކަށް، އެއްވެސް އެއްޗެއް ސަލާމަތް ކުރާނެ ވަގުތެއް ނުލިބުނީ" ހަރްތާތީ ކިޔައިދިނެވެ. މައިންބަފައިންގެ ފަރާތުން ވާރުތަވި ގެ ކިސަޑުގައި ބެހިގެން ދިޔައީއެވެ. އައިޑީ ކާޑާއި ޢާއިލީ ކާޑާއި ޙައްޖު ރަޖިސްޓްރީގެ ލިޔެކިޔުންތައް ވެސް އެ ހާދިސާގައި ނެތި ދިޔައީއެވެ.

ހަރްތާތީ ޙައްޖަށް ރަޖިސްޓްރީ ކުރީ ފިރިމީހާ މުޙައްމަދު ސޮފްޔާނާ އެކީގައެވެ. ނަމަވެސް ފިރިމީހާ ނިޔާވީ 2014 ގައެވެ. އޭގެ ފަހުން އެކަނިމާ އެކަނި ތިން ދަރީންގެ މަސްއޫލިއްޔަތާ ހަވާލުވިއެވެ. ފެންބޮޑުވުމުގެ ހާދިސާ އަށް ފަހު، މި އަހަރު ޙައްޖަށް ދެވޭނެ ޚަބަރު ސަރުކާރުން ދިން އިރު ހަރްތާތީ ހުރީ ޤަބޫލު ނުކުރެވިފައެވެ. ދިރިއުޅުމުގެ ޚަރަދުތައް ވެސް ހަމަ ނުޖެހެނީސް 17 މިލިއަން ރުޕީސް ދައްކާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. 

ނަމަވެސް ތިން ދަރީން ފައިސާ އެއްކުރީއެވެ. ދޮށީ ދަރިފުޅު ތައިލެންޑުގައި މަސައްކަތް ކޮށް ފައިސާ ފޮނުވީއެވެ. ދެ ވަނަ ދަރިފުޅު ލީސިންގް ކުންފުންޏެއްގައި މަސައްކަތް ކޮށް އެހީވީއެވެ. ތިން ވަނަ ދަރިފުޅު އިންޓާންޝިޕެއްގައި ހުރެ ވެސް ލިބޭ އެއްޗަކުން ބައެއް ދިނީއެވެ. "ދަރީން އަޒުމު ކަނޑައެޅީ އެންމެން ވެގެން މަންމަ ފޮނުވަން" ހަރްތާތީ ބުންޏެވެ.

ގެއްލުނު ލިޔެކިޔުންތައް ޙައްޖު ވުޒާރާ އާއި ރައްވެހިކަމުގެ އިދާރާގެ ސިސްޓަމުގައި ރައްކާކޮށްފައި ހުރުމުން އަލުން ހައްދައިދިނީއެވެ. އިމިގްރޭޝަނުން ޕާސްޕޯޓް ވެސް ހައްދައިދިނީ ފެންބޮޑުވި ސަރަހައްދުގެ ވައިފައި ލިބޭ ހަމައެކަނި ތަނެއް ކަމަށްވާ ކެފޭއެއްގައި ވަގުތީ އޮފީހެއް ހުޅުވައިގެންނެވެ. އެއާ ނުލައި ހަރްތާތީ އަށް ފުރޭ ގޮތެއް ނުވީހެވެ.

ހަރްތާތީ އަކީ މި އަހަރު ޙައްޖަށް ދިޔަ 5,425 އާސޭ ޙާޖީންގެ ތެރެއިން އެކެކެވެ. މައްކާގައި ހުރެ ބުނީ "ގެއެއް ނެތް ނަމަވެސް މިހުރީ މާތް ބިމުގައި" ކަމަށެވެ. ޙައްޖުން އެނބުރި ގޮސް މާތް ﷲ ގެ ރަޙުމަތުން ކޮންމެވެސް ރިޒުޤެއް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ބުންޏެވެ.

Advertisement

ކޮމެންޓް