އުތުރު އިންޑިއާ ވިއްސާރައިގައި މަރުވި ޢަދަދު 117 އަށް - ފުރާޅަކާ އެކު މީހަކު ވަޔާ އެއްލައިލި ވީޑިއޯ ވައިރަލް
އިންޑިއާގެ އުއްތަރު ޕްރަދޭޝް އަށް ބުދަ ދުވަހު ކުރި ބޮޑު ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 117 އަށް އަރައި، 79 މީހުން ޒަޚަމްވެ، 330 ގެއަށް ގެއްލުން ލިބިފައި ވާ ކަމަށް އެ ސްޓޭޓުގެ ރިލީފް ކޮމިޝަނަރުގެ އޮފީހުން ހާމަކޮށްފިއެވެ.
މަރުވި މީހުންގެ ތެރެއިން 113 މީހުން މަރުވީ ވެއްޓުނު އިމާރާތްތަކާއި ގަސްތަކުގެ ދަށުވެގެންނެވެ. ހަތަރު މީހަކު މަރުވީ ހޮނު އެޅުމުގެ ސަބަބުންނެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޕްރަޔާގްރާޖު ޑިސްޓްރިކްޓަށެވެ. އެ ތަނުން އެކަނި 23 މީހަކު މަރުވިއެވެ. ކަމާ ބެހޭ ފަރާތްތައް ބުނާ ގޮތުން މި ޢަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑެވެ.
އައިއެމްޑީ އިން ބުނީ، ބަރޭލީ އާއި ޕްރަޔާގްރާޖަށް ގަޑިއަކު ގާތްގަނޑަކަށް 81 މޭލު (130 ކިލޯ މީޓަރު) ބާރުމިނަށް ވައި ޖެހުނު ކަމަށެވެ. މިއީ ތޫފާން ތަކާ ގާތް ބާރުމިނެކެވެ. އައިއެމްޑީގެ ސައިންޓިސްޓު މުޙައްމަދު ދާނިޝް ސިފަ ކުރި ގޮތުގައި މިއީ "ތަންޑަރ ސްކޮލް" އެކެވެ. އޭގެ މާނައަކީ ކުއްލިއަކަށް ވައި ބާރުވެ، ބިމުގައި ހުރި ހުރިހާ ތަކެތި ހިއްލައި ވައްޓައިލާ ކަހަލަ ވައެއް ޖެހުމެވެ. އެފަދަ ހާލަތެއްގައި މީހުންނަށް ފިލާ ތިބޭނެ ތަނެއް ހޯދާނެ ވަގުތެއް ނުލިބެއެވެ.
މި ވިއްސާރައިގެ ނުރައްކާތެރިކަން ދައްކުވައިދޭ ވީޑިއޯ އެއް ވަނީ ވައިރަލް ވެފައެވެ. ބަރޭލީ ޑިސްޓްރިކްޓުގައި، ޓިން ފުރާޅެއް ހިފައި ހުރި 50 އަހަރުގެ އީ-ރިކްޝާ ދުއްވާ ފިރިހެނަކު، ކުއްލިއަކަށް ޖެހި ބާރުވި ވަޔާ އެކު ފުރާޅާ އެކީ 50 ފޫޓު (15 މީޓަރު) ވަރަށް މައްޗަށް ހިއްލި، 80 ފޫޓު ދުރުގައި އޮތް ފެން ހުރި ދަނޑެއް ތެރެއަށް ވެއްޓުނެވެ. އޭނާ ފުރާނަ ސަލާމަތްވިއެވެ. "ފުރާނަ ނުލިބޭނެ ކަމަށް ހީވި. ނަމަވެސް ފުރާނަ ސަލާމަތްވި" ކަމަށް އޭނާ ބުންޏެވެ.
ޔޫޕީ ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ ޢާއިލާ އަށް ހަތަރު ލައްކަ ރުޕީސް ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމައިފައެވެ.