ކުށެއްގެ އިޞްލާޙު: ފުލުހުން ބުނީ ފެނުނީ އެއް ޑައިވަރު ކަމަށް — އޮޅުމެއް އެރީ ކަމަށް — ހަތަރު މީހަކު އަދި ނުފެންނަ ކަމަށް
ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިން އަށް ފޭބުމަށް ފަހު ގެއްލިފައި ވާ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެއް ޑައިވަރު ކަމަށާއި، އެންމެން ނިޔާވެފައި ފެނުނު ކަމަށް ކުރިން ބުނެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ ހިއްސާ ކުރި އިޞްލާޙެއްގައި ބުނީ، ހާދިސާގައި ގެއްލިފައި ވާ އެންމެން ފެނިފައި ވާ ކަމަށް ކުރިން ބުނެވުނީ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް އެރި އޮޅުމަކުން ކަމަށެވެ. ފެނިފައި ވަނީ އެކަކު ކަމަށާއި، ބާކީ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ޑައިވިން އަށް ފޭބި ފަސް ފަތުރުވެރިން ނިސްބަތްވަނީ އިޓަލީ އަށެވެ. ފުލުހުންނަށް ހާދިސާގެ ރިޕޯޓު ލިބުނީ، މިއަދު މެންދުރުފަހު 1:45 ހާއިރުއެވެ.