ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑުގެ ބާރު ގަދަވެ ވެލް މާކްޑް ލޯ ޕްރެޝަރަކަށް ބަދަލުވެއްޖެ
ބަންގާޅު ކަނޑުގެ ދެކުނު-ހުޅަނގު ހިސާބުގައި އުފެދިފައި އޮތް ކޮޅިގަނޑުގެ ބާރު ގަދަ ވެ، ވެލް މާކްޑް ލޯ ޕްރެޝަރުގެ ދަރަޖަ އަށް ބަދަލުވެފައި ވާ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ، އިންޑިއާ މެޓެރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނެފިއެވެ.
މި ކޮޅިގަނޑުގެ އަސަރުން ބަންގާޅު ކަނޑުގެ ދެކުނާއި އޭ އާ ޖެހިގެން އޮތް މެދުތެރޭ ހިސާބާއި، އަންޑަމަން އާއި ނިކޮބާ ޖަޒީރާތަކާއި، އިރުމަތީ ތަމިލް ނާޑޫ އާއި ސްރީ ލަންކާ އާއި ޕޯކް ސްޓްރެއިޓް އާއި ގަލްފް އޮފް މަންނާ އާއި ކޮމޮރިން ހިސާބަށް ބާރުގަދަ ވިއްސާރަ ވިލާތައް ގެނެސްދޭ ކަމަށް އައިއެމްޑީ ބުނެއެވެ.
މިއީ ހުޅަނގު މޫސުމުގެ ކުރީކޮޅު ބަންގާޅު ކަނޑުގައި ޢާންމުކޮށް އުފެދޭ މޫސުމީ ނިޒާމުތަކުން ނިޒާމެކެެވެ. މިފަދަ ކޮޅިގަނޑުތައް އިތުރަށް ބާރުގަދަ ވުމުން ބާރުގަދަ ކޮޅިގަނޑަކަށާއި، ވަރަށް ބާރުގަދަ ކޮޅިގަނޑަކަށް، އަދި ފަހުން ތޫފާނަކަށް ވެސް ބަދަލުވުމުގެ ފުރުޞަތު އޮވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު އޮފީސް) އިން ވެސް ވަނީ، މި ދުވަސްވަރު ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަ ވެ، ޚާއްޞަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ޢާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަ ވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކޮށްފައެވެ.