Advertisement

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހަޅައިފި

14 May 2026 | 13:07
ނައިބުރައީސް ނާޒިމް ރިޔާސަތުގައި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ދެންމެ ފޮނުވި މެސެޖެއްގައި ބުނީ، ނާޒިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ އިދާރާ އަށް ލިބިފައި ވާ ކަމަށާއި، އެ މައްސަލަ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement

ނާޒިމް މަޤާމުން ވަކިކުރަން ނިންމީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމަށް ފަހު، ޤަރާރު ހުށަހެޅޭ މިންވަރަށް މެންބަރުންގެ ސޮއި ވަނީ ހަމަކޮށްފައެވެ.

މަޖިލީހުގެ ޤަވާޢިދުގައި ވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވަޑައިގެން ވޯޓު ދެއްވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމާ ޚިލާފަށް ނައިބު ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަތަރުބައި ކުޅަ އެއް ބަޔަށް ވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުންގެ ސޮއި ބޭނުމެއް ނުވެއެވެ. މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާ އިރު، ޕީއެންސީގެ މެންބަރުންގެ ޢަދަދަކީ 76 އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ ނިންމުމާ އެކު، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުން ވެސް ނާޒިމް އިއްޔެ ހެނދުނު ވަނީ ބޭރުކޮށްފައެވެ. މީގެ ކުރިން، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް ނާޒިމް ވަކިކޮށް، އެންވަޔަރްމެންޓް ކޮމިޓީ އަށް ވަނީ ބަދަލުކޮށްފައެވެ.

ނާޒިމާއި ޕީއެންސީގެ އިސް ފަރާތްތަކާ ގުޅުން ގޯސްވި ސީދާ ސަބަބުތައް އަދި ތިލައެއް ނުވެއެވެ. ނަމަވެސް ނައިބު ރައީސްގެ މަޤާމުން އިސްތިޢުފާ ދެއްވަން "ނުސީދާކޮށް" ނާޒިމަށް އަންގާފައި ވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ކޮމިޓީތަކުން ވަކިކުރުމާ ބެހޭ ގޮތުން ނާޒިމް ކުރިން ވިދާޅުވެފައި ވަނީ، މަސައްކަތް މިހާރު ހުރި ގޮތުން ދެ ކޮމިޓީ އަށް ވަގުތު ނުދެވޭތީ، އެ ނިންމުމަށް އެއްބަސްވެވަޑައިގަތުމުން އެ ބަދަލު ގެނައީ ކަމަށެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް އާއި ނައިބު ރައީސް ކަމަށް ނާޒިމް އިންތިޚާބު ކުރީ 28 މެއި 2024 ގައެވެ. ނާޒިމަށް ނައިބު ރައީސް ކަން ލިބިވަޑައިގަތީ 80 ވޯޓުންނެވެ. ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. ނާޒިމް ވަނީ 17 ވަނަ މަޖިލީހުގައި ވެސް ނައިބު ރައީސް ކަން ކުރައްވައިފައެވެ.

Advertisement

ކޮމެންޓް