ހަންޓަ ވައިރަސް: ޢަދަދު 11 އަށް - ފްރާންސްގެ ބަލި މީހާގެ ހާލު ވަރަށް ސީރިއަސް
ކްރޫޒް ޝިޕް އެމްވީ ހޮންޑިއުސް އާ ގުޅިގެން ފެނުނު ހަންޓަ ވައިރަހުގެ ޖުމްލަ ކޭސް 11 އަށް އެރި އިރު، ފްރާންސް ގެ ބަލި މީހާގެ ހާލު ވަރަށް ސީރިއަސް ވެ، "އާޓިފިޝަލް ލަންގް" (އެކްމޯ މެޝިން) ބޭނުންކޮށްގެން ފަރުވާ ދެމުންދާ ކަމަށް ޕެރިހުގެ ބިޝާ ހޮސްޕިޓަލުން ބުނެފިއެވެ.
ބިޝާ ހޮސްޕިޓަލުގެ ޑޮކްޓަރު އަންގާރަ ދުވަހު ބުނީ ހަންޓަ ވައިރަހަށް ޕޮޒިޓިވް ވި ފްރާންސް އަންހެން ފަސެންޖަރަށް ޖެހިފައި ވަނީ ބަލީގެ "ސީވިއާ ފޯމް" ކަމަށެވެ. އޭނާ ބަލިވީ ޓެނެރީފެ އިން ފައިބައިގެން ފްރާންސް އަށް ދިޔަ ރީޕެޓްރިއޭޝަން ފްލައިޓުގައެވެ. ފްރާންސް ބޮޑުވަޒީރު ސެބެސްޓިއެން ލެކޯނޫ ބުނީ އެ ފްލައިޓުގެ ފަސް ފަސެންޖަރުން ވެސް ސްޓްރިކްޓް އައިސޮލޭޝަނަށް ލައިފައިވާ ކަމަށާއި، 22 "ކޮންޓެކްޓް ކޭސް" ދެނެގެންފައިވާ ކަމަށެވެ.
ޔޫރަޕިއަން ސެންޓާ ފޯ ޑިޒީޒް ޕްރިވެންޝަން (އީސީޑީސީ) ގެ މެއި 12 ގެ ރެކޯޑުން ދައްކާ ގޮތުގައި ކަންފާމް ނުވައެއް، ޕްރޮބެބަލް ދެ ކޭސް ފެނިފައިވެއެވެ. ތިން މީހުން މަރުވެފައިވާ އިރު ދެ މަރު ހަންޓަ ވައިރަހުން ކަމަށް ކޮންފާމް ވެފައިވެއެވެ. ހުރިހާ ކޭސް އަކީ ވެސް ބޯޓުގެ ފަސެންޖަރުން ނުވަތަ ކުރޫއެވެ. ބޯޓުގައި ދުވަހަކު ވެސް ނެތް މީހެއްގެ ކޮންފާމް ކޭހެއް އަދި ފެނިފައެއް ނުވެއެވެ.
ނެދަލެންޑްސް ގެ ރަޑްބައުޑް ޔުނިވާސިޓީ މެޑިކަލް ސެންޓަރުން ބުނީ ބޯޓުގެ ޕޭޝަންޓަކަށް ފަރުވާ ދެމުން ދިޔަ 12 މުވައްޒަފުން ހަ ހަފުތާ ގެ ކަރަންޓީނަށް ލައިފައިވާ ކަމަށެވެ. "ނުރައްކާ ކުޑަ" ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެމެރިކާ ގައި 18 ފަސެންޖަރުންގެ ތެރެއިން ތިން މީހެއް ގާތުން ބެލެވެމުންދެއެވެ. 15 ފަސެންޖަރުން ނެބްރާސްކާ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ކަރަންޓީން ޔުނިޓުގައި ތިބީ އެއްވެސް އަލާމާތެއް ނެތިއެވެ. ޕޮޒިޓިވް ވި ފަސެންޖަރެއް ބަޔޯކޮންޓެއިންމެންޓް ޔުނިޓުގައެވެ. ދެ ފަސެންޖަރެއް ވެސް ވަނީ އެޓްލާންޓާ ގެ އެމޯރީ ޔުނިވާސިޓީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެ އިތުރުން މިނެސޯޓާ ގައި ބޯޓުގެ ޕޮޒިޓިވް ފަސެންޖަރަކާ ބައިނަލްއަޤުވާމީ ދަތުރެއްގައި ކުޑަ ވަގުތުކޮޅެއް ހޭދަކުރި މީހެއް މޮނިޓާ ކުރެވެމުންދެއެވެ.
ހޮންޑިއުސް ގެ ހުރިހާ ފަސެންޖަރުން ޓެނެރީފެ ގައި ބާލައި ނިމި، ބޯޓު ކުރޫ އާ އެކު ނެދަލެންޑްސް ގެ ރޮޓެޑަމް އަށް ދަތުރު ފަށައިފިއެވެ. ޑަބްލިއުއެޗްއޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް މެޑްރިޑް ގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ "ބޮޑު އައުޓްބްރޭކެއް ފެށޭ ކަމުގެ ނިޝާނެއް ނެތް" ކަމަށެވެ. ނަމަވެސް ވައިރަހުގެ އިންކިއުބޭޝަން ދިގު ވީމާ "ކުރިއަށް އޮތް ހަފުތާ ތަކުގައި އިތުރު ކޭސް ފެނުން އެކަށީގެންވާ" ކަމަށެވެ. ސީޑީސީ ބުނީ "ދަތުރުވެރިންނަށާއި އެމެރިކާ ޢާންމުންނަށް ނުރައްކާ ވަރަށް ކުޑަ" ކަމަށާއި "ޢާންމު ދަތުރުފަތުރު ހަމަ ކުރިއެކޭ އެއްގޮތަށް ކުރެވޭނެ" ކަމަށެވެ.