ސުނާމީގައި ރާއްޖޭގައި މަރާ ކުރިމަތިލީ ހާދިސާ ޖެޓް ލީ ކިޔައިދީފި
ޗައިނާގެ މަޝްހޫރު އެކްޝަން ތަރި ޖެޓް ލީ، 2004 ގެ ސުނާމީ ކާރިސާގައި ރާއްޖޭގައި ޢާއިލާ އާ އެކު މަރާ ކުރިމަތިލީ ބިރުވެރި ތަޖުރިބާ ހިއްސާކޮށްފިއެވެ.
އެމެރިކާގެ ޓެމްރޮން ހޯލް ޝޯ ގައި ވާހަކަ ދައްކަމުން ޖެޓް ލީ (63އ) ބުނީ 2004 ވަނަ އަހަރު އަންހެނުން ނީނާ ލީ ޗީ އާއި ދެ ދަރިން ކަމަށްވާ ޖޭން (އޭރު ހަތަރު އަހަރު) އާއި ޖާޑާ (އޭރު އެއް އަހަރު) އާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، އިންޑިއާ ކަނޑުގައި އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީ ރާޅު ރާއްޖެ އަށް ބިންދާލީ ކަމަށެވެ.
ބާރުގަދަ ރާޅުތައް އައްސޭރިފަށަށް އެރި ވަގުތު ޖެޓް ލީ ވަގުތުން ޖޭން ކޮނޑަށް ނެގިއެވެ. ނަމަވެސް ޖާޑާ ގޮވައިގެން ހުރި މީހާ ރާޅާ އެކު ވަކިވެ ގެއްލުނެވެ. ނޭފަތާ ހަމައަށް ފެންގަނޑު ބޮޑުވެ، މަރާ ވަރަށް ގާތަށް ދިޔަ ކަމަށް ޖެޓް ލީ ކިޔައިދިނެވެ.
"ކިތައްމެ ބާރުގަދަ މީހެއް ކަމުގައި ވިޔަސް، ގުދުރަތީ ކާރިސާއެއް އައީމާ ކުރެވޭނެ ކަމެއް ނޯވެ" ކަމަށް ޖެޓް ލީ ބުންޏެވެ.
އާ ހަނދާނީ ފޮތުގައި ލިޔެފައިވާ ގޮތުން ރާޅު ފެތުރުނު ވަގުތު ދަރި ގަޔާ ބޮޑިކޮށްގެން ހިފަހައްޓައިގެން ހުރި އިރު ކުނިބުނީން ދެ އަތް ކެނޑި ޒަޚަމްވީ ކަމެއް ވެސް އެ ވަގުތު ނޭނގުނެވެ. ފެންގަނޑު ކުއްލިއަކަށް ހިނދުނީމާ ސަލާމަތް ވެވުނީ ކަން ޔަޤީންވީއެވެ. އަންހެނުން ނީނާ ފަހުން ސަލާމަތްކޮށް ހޮޓަލަށް ގެންދިޔައީ ރެސްކިއު ބޮއްކުރައެއްގައެވެ. މުޅި ޢާއިލާ ސަލާމަތްވީ ކަމީ ނަސީބެއް ކަމަށް ޖެޓް ލީ ބުންޏެވެ.
މި ތަޖުރިބާ އަށް ފަހު ޖެޓް ލީ ގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައެވެ. ގުދުރަތީ ކާރިސާތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީވުމަށް 2007 ވަނަ އަހަރު "ވަން ފައުންޑޭޝަން" ގެ ނަމުގައި ޗެރިޓީ ޖަމިއްޔާއެއް އުފެއްދިއެވެ. އެއީ ޗައިނާގެ ފުރަތަމަ މިނިވަން ޕްރައިވެޓް ޗެރިޓީތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާއެކެވެ. "ފިލްމީ ކެރިއަރު ބަދަލުކޮށް، މީހުންނަށް އެހީވާން ފެށީ" ކަމަށް ޖެޓް ލީ ބުންޏެވެ.