މައްކާ ރޫޓު އައިކަން އަކަށް އިންޑޮނީޝިޔާގެ ޖުމަރިޔާ - އެނދު ދަށުގައި ބާލިދީއެއްގައި 20 އަހަރުވާންދެން ރައްކާކުރި ފައިސާއިން ޙައްޖަށް
އިންޑޮނީޝިޔާގެ ދެކުނު ސުލާވެސީގެ މާރޯސް އަށް ނިސްބަތްވާ 70 އަހަރުގެ ދަނޑުވެރި ޖުމާރިޔާ ޕީ ސިރެ ސައީދު، ދަނޑުން ލިބޭ ކުޑަ އާމްދަނީ އިން 20 އަހަރަށް ވުރެ ގިނަ ދުވަހު އެނދު ދަށުގައި ބާލިދީއެއްގައި ފައިސާ ރައްކާކޮށް، ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދަތުރުކޮށްފިއެވެ. ޖުމަރިޔާގެ ވާހަކަ ވަނީ ސަޢުދީ ޢަރަބިއްޔާ އިން މި އަހަރުގެ "މައްކާ ރޫޓް" ގެ ރަސްމީ އައިކަންގެ ގޮތުގައި ހޮވައިފައެވެ.
ފިރިމީހާ ނިޔާވި ފަހުން އެކަނި ދިރިއުޅެމުން އައި ޖުމަރިޔާގެ ހަމައެކަނި އާމްދަނީ އަކީ ދަނޑުގެ މަސައްކަތެވެ. ބައެއް ދުވަސް ދުވަހު ލިބެނީ 50,000 ރުޕީސް (ދިވެހި ރުފިޔާއިން ނަމަ 45 ރުފިޔާ) އެވެ. ވިޔަފާރި އިންތިހާ ރަނގަޅު ދުވަސް ދުވަހު 200,000 ރުޕީސް (ދިވެހި ރުފިޔާއިންނަމަ 177 ރުފިޔާ) ލިބެއެވެ. ލިބޭ ފައިސާ އިން ދެބައިކުޅަ އެއްބައި ރައްކާކޮށް، ބާކީ ބައިން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސީއެވެ. ރައްކާކުރާ ފައިސާ އެނދު ދަށުގައި ބާލިދީއެއްގައި ފޮރުވައި، ދުނިޔެވީ އެއްވެސް ބޭނުމަކަށް އެ ފައިސާގައި ނުޖެހެއެވެ.
ޖުމަރިޔާ އޭނާ ނިސްބަތްވާ ގްރޫޕާއެކު މަދީނާގައި -
"ފަތް ކައްކައިގެން ކެއީ. ކުކުޅުބިސް ލިބިއްޖެ ނަމަ އެ ކެއީ. ގެފުޅަށް ދާން ރައްކާކުރި ފައިސާގައި ޖެހޭކަށް ބޭނުމެއް ނޫން" ކަމަށް ޖުމަރިޔާ ބުންޏެވެ. ޖުމަރިޔާ ބުނީ ޙައްޖަށް ދިއުމަކީ ނިޔާވި މައިންބަފައިންގެ ވަސިއްޔަތެއް ކަމަށެވެ. "ފައިސާ ލިބިއްޖެ ނަމަ ޙައްޖަށް ދާތި - އަހަރެންނަށް އެ ފުރުސަތު ނުލިބުނީ" މައިންބަފައިން ބުނެފައިވާ ކަމަށް ޖުމާރިޔާ ކިޔައިދިނެވެ.
ޖުމަރިޔާގެ މި ވާހަކަ އިންޑޮނީޝިޔާގެ ޙައްޖު ވުޒާރާ އިން ލަފާ ދީގެން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން އޮތޯރިޓީ އިން "މައްކާ ރޫޓް" ގެ ރަސްމީ އައިކަންގެ ގޮތުގައި ހޮވީއެވެ. މައްކާ ރޫޓަކީ ޙައްޖުވެރިންގެ ވިސާ އާއި ލަގެޖް ޗެކް-އިން ފަދަ ކަންކަން އެ މީހެއްގެ ޤައުމުގެ އެއާޕޯޓުން ނިންމައިލެވޭ ފަސޭހަ ނިޒާމެކެވެ. ސަޢުދީ ޑޮކިއުމެންޓަރީ ޓީމެއް ސީދާ މާރޯސް ގެ ޖުމަރިޔާގެ ޖިފުޓީ އަށް ގޮސް، ދަނޑުތަކުގެ ތެރޭގައި ދިރިއުޅުމުގެ މަންޒަރުތައް ޝޫޓް ކުރިއެވެ. މާރޯސް ވެގެން ދިޔައީ މި ޑޮކިއުމެންޓަރީގެ ޕައިލެޓް ޕްރޮޖެކްޓަށެވެ.
70 އަހަރު ވީ ނަމަވެސް ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ހުރި ޖުމާރިޔާ ފުރީ އިންޑޮނީޝިޔާއިން މި އަހަރު ޙައްޖަށް ދާ ގްރޫޕްތަކުގެ ތެރެއިން 14 ވަނަ ގްރޫޕްގައެވެ.