މިސްރުގައި ޙައްޖު ގުރުއަތުގައި ޖެހިޖެހިގެން ތިން ބެއިންގެ ނަން ގޮވި ގޮވުން ވައިރަލް
މިސްރުގެ ޙައްޖު ގުރުއަތު ނެގުމުގެ ޢާންމު ހަފުލާއެއްގައި ތިން ބެއިންގެ ނަން ޖެހިޖެހިގެން ގޮވައި، އެ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި ވައިރަލް ވެއްޖެއެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ފުރަތަމަ ގޮވީ ދައްތައެއްގެ ނަމެވެ. އެ ނަން އިވުމާ އެކު ބޭބެ ޝުކުރުގެ ސަޖިދައަށް ބިންމައްޗަށް ތިރިވީއެވެ. ތެދުވެ ލޮލުން ކަރުނަ ފޮހެމުން ދަނިކޮށް ދެން ގޮވީ ބޭބެގެ ނަމެވެ. އެ ހިސާބުން ބޭބެ އަށް ރުއިން ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ހިނދުކޮޅެއް ފަހުން ދެ ވަނަ ދައްތަގެ ނަން ވެސް ގޮވައިފިއެވެ. ޤަބޫލު ނުކުރެވިފައި ތިބެ ތިން ބެއިން އެކަކު އަނެކެއްގެ ގައިގައި ބައްދައި ރޮމުން ދިޔަ އިރު، ވަށައިގެން ތިބި މީހުން އަތްޖަހަމުން ދިޔައެވެ.
މި ވީޑިއޯ އާ އެކު މީސް މީޑިއާގައި އެތައް ބައެއްގެ ޝުޢޫރު ފާޅުކޮށްފައިވެއެވެ. "ގުރުއަތަކުން ނޫން، މާތް ﷲ އެ ބައިމީހުންނަށް ދައުވަތު ދެއްވީ" ކަމަށް ލިޔެފައި ހުއްޓެވެ. އެތައް ބަޔަކު ތިން ބެއިންގެ ޙައްޖު ޤަބޫލު ކުރެއްވުން އެދި ދުޢާ ކުރި އިރު، ބައެއް މީހުން ލިޔެފައި ހުރީ "އިންޝާ މާތް ﷲ އެއް ދުވަހުން އަހަންނަށް ވެސް" މި ފަދައިންނެވެ.
ތިން ބެއިން ހިމެނެނީ މި އަހަރު ޙައްޖަށް ދާ ގާތްގަނޑަކަށް 50,000 މިސްރު ޙާޖީންގެ ތެރޭގައެވެ. މިސްރަކީ ޙައްޖަށް ދާން ބޭނުންވާ މީހުންގެ ޢަދަދު ކޯޓާ އަށް ވުރެ އެތައް ގުނައެއް ގިނަ ޤައުމެއް ކަމުން، ޙާޖީން ހޮވަނީ ޢާންމު ގުރުއަތު ނެގުމަކުންނެވެ. އެހެންކަމުން އެއް ޢާއިލާއެއްގެ ތިން މީހެއްގެ ނަން ޖެހިޖެހިގެން ގޮވުމަކީ ނާދިރު ކަމެކެވެ.