Advertisement

ނިޔާވި ބައްޕަގެ ބަދަލުގައި މަންމަޔާއެކު އުމުރުން 15 އަހަރުގެ ނައުރާ ޝަކީނާ ޙައްޖަށް

08 May 2026 | 18:24
ނައުރާ އޭނާގެ މަންމަޔާއެކު -

އިންޑޮނީޝިޔާގެ އުތުރު ސުމާޓްރާގެ ތަންޖުންގް ބާލައި އަށް ނިސްބަތްވާ 15 އަހަރުގެ ނައުރާ ސަކީނާ، 2022 ގައި ނިޔާވި ބައްޕަ މުސްތަފާ އެޑީގެ ބަދަލުގައި މަންމައާ އެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދަތުރުކޮށްފިއެވެ.

މުސްތަފާ އެޑީ ނިޔާވީ 2022 ވަނަ އަހަރުގެ ޖެނުއަރީ 27 ގައެވެ. ޢާއިލާ އެކީ ޙައްޖަށް ދިއުމަކީ މުސްތަފާ ދުނިޔޭގައި ހުރި އިރު ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ވުމުގެ ކުރިން ދުނިޔެ ދޫކުރީއެވެ. އެ ހިސާބުން މަންމަ ނަޒްނީ ރޮއިސް ނިންމީ ދަރިފުޅު ނައުރާ ބައްޕަގެ ބަދަލުގައި ޙައްޖަށް ފޮނުވާށެވެ.

Advertisement

"މިއީ އަހަރެން ފުރަތަމަ ފަހަރަށް ޙައްޖަށް ދިއުން. މަންމަ އެދިގެން ބައްޕަ ބަދަލުގައި ދާތީ ވަރަށް އަސަރުކުރި" ކަމަށް ނައުރާ ބުނީ ލޮލުން ކަރުނަ އައިސް ހުރެއެވެ.

ދާރުލް ފިކުރީ ސްކޫލުން ދާދި ފަހުން ނިމިފައިވާ ނައުރާ، ޙައްޖަށް ތައްޔާރުވުމުގެ ގޮތުން މަންމައާ އެކު މެދާންގެ އަލް-މުކައްރަމާ ޖަމާޢަތުގައި މަނާސިކް ފުރިހަމަ ކުރިއެވެ. ދެ މައިން ކްލޮޓެރް 11 ގައި މެދާނުން ފުރީ މެއި ހަތަރެއްގައެވެ. ޙާޖީ ކޭމްޕަށް ވަނީ މެއި ތިނެއްގައެވެ. ފުރުމުގެ ކުރިން ދެ މައިން އެކަކު އަނެކެއްގެ އަތުގައި ހިފައި ހިތްވަރު ދެމުން ދިޔަ މަންޒަރު ފެނުނު ގިނަ ޙާޖީންނާއި ޢާއިލާތައް ވެސް އަސަރުކޮށް ކަރުނަ އޮހޮރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. 

މަންމަ ނަޒްނީ އަށް ނައުރާގެ މި ދަތުރަކީ ހަމައެކަނި ހިތާމައިގެ ފަރުވާއެއް ނޫނެވެ. އެއީ ފިރިކަލުންގެ އެންމެ ބޮޑު އެދުން ފުރިހަމަކޮށްދިނުމުގެ އަމާނާތެކެވެ. ނައުރާ ބުނީ މާތް ﷲ ގެ ގެފުޅު ކައިރީ ބައްޕައަށް ދުޢާ ކުރުމަކީ ބައްޕައަށް ދެވޭ އެންމެ ފުރިހަމަ ހަދިޔާ ކަމަށެވެ. ޙައްޖުން އެނބުރި ގޮސް މެދާންގެ އަލް-އަޒްހަރު ސްކޫލުގައި ތައުލީމް ކުރިއަށް ގެންދާނެ ކަމަށް ވެސް ނައުރާ ބުންޏެވެ.

Advertisement

ކޮމެންޓް