ހަތަރު މިލިޔަނުގެ ވައްކަން: ނޫރު ޝަރީޢަތް ނިމެންދެން ބަންދު - އެންމެން ވައްކަމަށް ރެޑީވީ ހުޅުމާލެ އިން ކަން އެނގޭ
މާޗް މަހު މާލޭ މަޖީދީ މަގުގައި ހުންނަ މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ޝަރީޢަތް ނިމެންދެން ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.
ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލުގައި ބަންދުކޮށްފައި ވަނީ ޅ. ނައިފަރު ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު (41އ) އެވެ. ނޫރުގެ މައްޗަށް ތުހުމަތު ކުރެވެނީ ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހެކީގެ ގޮތުގައި ސީސީޓީވީ ކެމެރާތަކުގެ ސްނެޕްޝޮޓް ރިޕޯޓާއި، ނަލަހިޔާ ރެސިޑެންސްގެ 8އޭ އެޕާޓްމަންޓަށް ލިބިފައިވާ ގެއްލުމާއި ވައްކަން ކުރި ދެ ތިޖޫރީ އަށް ދީފައިވާ ގެއްލުން ފެންނަ ފޮޓޯ ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާއި، ހެކިވެރިންގެ ބަޔާންތަކާއި، ކޯލް ޑީޓެއިލް ހުށަހެޅިފައިވެއެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ނޫރު އާއި އިތުރު ފަރާތްތައް ކުށުގެ ޢަމަލަށް ތައްޔާރުވެ ހުޅުމާލެ އިން ކުށުގެ ވެއްޓަށް ގޮސްފައިވެއެވެ.
ކޯޓުން ނޫރު ޝަރީޢަތް ނިމެންދެން ބަންދުކުރީ، މި ކުށަކީ ޖަމާޢަތް ހަދައިގެން ކޮށްފައިވާ ކުށަކަށް ވުމާއި ގިނަ ޢަދަދެއްގެ ފައިސާ ހިމެނޭ ޖިނާއީ ބޮޑު ކުށަކަށް ވާތީ، ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ބަންދު އަމުރުގައިވެއެވެ.
މި މައްސަލައިގައި ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. ނޫރުގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ސ. މީދޫ، މޫންލައިޓް ވިލާ، މުޙައްމަދު އަފްރާޙް (40އ) އާއި ރ. މަޑުއްވަރީ، ދާރުލް އައްވަލް، އިސްމާޢީލް އާޞިފް (36އ) އާއި މ. އޭޝިޔާ، މާލެ، އަޙްމަދު ފާރިސް (39އ) އާއި ހދ. ނޮޅިވަރަންފަރު، ޖަޒީލަމަންޒިލް، ޖަޒީލް މުޙައްމަދު (47އ) އެވެ. މީގެ ތެރެއިން އާޞިފް އަކީ ފައިސާގެ ވެރި ވިޔަފާރިވެރިޔާގެ ތިމާގެ މީހެއް ކަމަށާއި، ކުރިން 10 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ވައްކަން ހިނގީ ޢާއިލާ ރާއްޖެ އިން ބޭރުގައި ތިއްބައެވެ. ހަތަރު މިލިއަން ރުފިޔާގެ ތެރެއިން ރިކަވާ ކުރެވިފައި ވަނީ ބައި ލައްކަ ރުފިޔާއެވެ.