Advertisement

ދެ އަހަރުގައި ރަޖިސްޓްރީ ކޮށް 15 އަހަރުގައި ޙައްޖަށް - އިންޑޮނީޝިޔާ ދަރިވަރެއްގެ ވާހަކަ

08 May 2026 | 09:36
ސޫރައްޔާ އުފައިރޯތުމް މަރްވާ -

އިންޑޮނީޝިޔާގެ އިރުމަތީ ޖާވާގެ ޕޮނޮރޮގޯ އަށް ނިސްބަތްވާ 15 އަހަރުގެ ދަރިވަރެއް ކަމަށްވާ ސޫރައްޔާ އުފައިރޯތުމް މަރްވާ، އުމުރުން ދެ އަހަރުގައި ޙައްޖަށް ރަޖިސްޓްރީ ކުރީ އޭނާގެ މައިންބަފައިންނެވެ. އޭގެ 13 އަހަރު ފަހުން މި އަހަރުގެ ޙައްޖު މޫސުމުގައި ތިން ބެއިންނާ އެކު އެވަނީ މައްކާ އަށް ދަތުރުކޮށްފައެވެ. މިއީ ޕޮނޮރޮގޯ އިން މި އަހަރު ޙައްޖަށް ދާ 565 ޙާޖީންގެ ތެރެއިން އެންމެ ހަގު ޙާޖީއެވެ. 

އެންމެ ތަފާތު ކމަކީ ސޫރައްޔާ އަށް ޙައްޖަށް ރަޖިސްޓްރީ ކޮށްފައިވާކަން ވެސް އެނގުނީ 2025 ގައި ކަމެވެ.

Advertisement

"ކުއްލިއަކަށް އެންގީ 2026 ގައި ޙައްޖަށް ދެވޭނެ ވާހަކަ. ވަރަށް ހައިރާންވި" މަދަރުސަތުލް ޢާލިޔާ އަލް-އިސްލާމް ޖޯރެސަންގައި ގްރޭޑް 10 ގައި ކިޔަވާ ސޫރައްޔާ ބުންޏެވެ. ސޫރައްޔާ އެކަންޏެއް ނޫނެވެ. ތިން ދައްތައިން ކަމަށްވާ ޢާލިފާ (19)، ބާނިފް (18) އަދި ޠާބިނާ (17) ވެސް އެކީ ޙައްޖަށް ދިޔައީއެވެ. ހަތަރު ބެއިންނަށް ވެސް 20 އަހަރު ނުފުރެއެވެ.

މައިންބަފައިން ކަމަށްވާ މުނީފް ޢަރްފާވީ އާއި އެލްފީ މުޢާވަނާ ދެކޭ ގޮތުގައި ޙައްޖަކީ ދަރީންނަށް ދެވޭނެ އެންމެ އަގުބޮޑު ރޫޙާނީ ހަދިޔާއެވެ. "ޙައްޖު ވާޖިބު ވަނީ ޢުމުރުން އެއް ފަހަރު. އެހެންވީމާ ދަރީންނަށް އިސްކުރީ — ދީނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ ކުދިންތަކެއްގެ ގޮތުގައި ބޮޑުވުމުގެ ރައުސުމާލެއް ކަމުގައި ދެކެގެން" މަންމަ އެލްފީ ބުންޏެވެ.

ޕޮނޮރޮގޯ ޙައްޖު އެންޑް ޢުމްރާ ވުޒާރާގެ ވެރިޔާ މަރްޖޫނީ ބުނީ މި އަހަރު ޕޮނޮރޮގޯ އިން 565 ޙާޖީން ފުރާ އިރު، އެންމެ ހަގީ 15 އަހަރުގެ ސޫރައްޔާ ކަމަށާއި، އެންމެ ދޮށީ 91 އަހަރުގެ ސީތީ ރޮބިންގާ ކަމަށެވެ. ހަތަރު ބެއިން ހިމެނޭ މި ޢާއިލާ ފުރީ އެޕްރީލް 26 ގައި ކްލޮޓެރް 19 ގައި ޖުއަންޑާ ސުރާބާޔާ އެއާޕޯޓުންނެވެ. 

އެޑިޓަރުގެ ނޯޓް
މި އަހަރު ދިވެހިރާއްޖެއަށް ޙައްޖަށް ދާ ދިވެހި ޙައްޖުވެރީންގެ ތެރޭގައިވެސް ޝައުޤުވެރި މިކަހަލަ އެތައް ވާހަކައެއް ހުންނާނެކަން ޔަޤީނެވެ. އެފަދަ ވާހަކައެއް އަޅުގަނޑުމެންނާ ހިއްސާކޮށްލަން ބޭނުންފުޅުނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 9770541 އަށް މެޖެސް ކޮށްލެއްވުން އެދެމެވެ.

Advertisement

ކޮމެންޓް