Advertisement

ޙައްޖު 1447: ޢަރަފާތު ފަރުބަދައިގައި ހިޔާ ކުރުމާއި ފިނިކުރުމުގެ ސަރަހައްދު ފަސް ގުނަ ފުޅާކޮށްފި

06 May 2026 | 09:25
-

މި އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ޢަރަފާތު ފަރުބަދައިގައި ހިޔާ ކޮށްދޭ އަދި ފިނިކޮށްދޭ ސަރަހައްދު މިދިޔަ އަހަރަށް ވުރެ ފަސް ގުނަ ފުޅާކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހިންގާފައިވަނީ ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ހޯލީ ސައިޓްސްގެ ދަށުން މަސައްކަތްކުރާ ކިދާނާ ޑިވެލޮޕްމަންޓް ކޮމްޕެނީންނެވެ. ޢަރަފާތު ފަރުބަދައާއި އޭގެ ވަށައިގެންވާ ސަރަހައްދުގައި ހިޔާ ކޮށްދޭ ކެނޮޕީތަކާއި ފިނިކޮށްދޭ ނިޒާމުތައް ހަރުކުރުމުގެ ދެ ވަނަ ފިޔަވަހި މި އަހަރުގެ ޙައްޖު ސީޒަން ފެށުމުގެ ކުރީން އެ ނިމުނީއެވެ. 

Advertisement

ދެ ފިޔަވަހީގައި ޖުމްލަ 272,000 އަކަ މީޓަރުގެ ސަރަހައްދެއް މި މަސައްކަތުން ކަވަރުކޮށްދެއެވެ. 2026 ވަނަ އަހަރުގެ މި ދެ ވަނަ ފިޔަވަހީގެ ދަށުން ޒަމާނީ 18 ކެނޮޕީ، 36 މިސްޓިން ފަންކާ، ހަތް ކޫލިން ޔުނިޓު އަދި 107 މިސްޓިން ފަންކާ ތަނބު ހަރުކޮށްފައި ވެއެވެ. މި އާ ވަސީލަތްތައް ހަރުކުރީ 2025 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގައި ހަރުކުރި ތިން ކެނޮޕީ އާއި ހަ މިސްޓިން ފަންކާ އާއި 165 މިސްޓިން ފަންކާ ތަނބުގެ އިތުރުންނެވެ.

ޢަރަފާތު ފަރުބަދައިގައި ޖަމާވުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. ޙައްޖުވެރީން ޛުލްޙިއްޖާ މަހުގެ ނުވަ ވަނަ ދުވަހު (މި އަހަރު މެއި 26) ޢަރަފާތުގައި ޖަމާވެ، އަރައިގެން އިރު ހުއްޓެން ދެން ދުޢާގައި ތިބޭނެއެވެ. އެއީ ޙައްޖު ފުރިހަމަ ވުމަށް ޓަކައި މަޑުކޮށްލަން ޖެހޭ އެންމެ މުހިންމު ވަގުތެވެ.

ނަމަވެސް ޢަރަފާތު ދުވަހު ހޫނުމިން ވަރަށް މައްޗަށް ދިއުމުގެ ސަބަބުން ޙައްޖުވެރީންނަށް ނުރައްކާ ކުރިމަތިވެފައިވެއެވެ. 2024 ވަނަ އަހަރުގެ ޙައްޖުގައި ހޫނުގެ ސަބަބުން 1,300 އަށް ވުރެ ގިނަ ޙައްޖުވެރީން މަރުވިއިރު، އެ ދުވަސްވަރު މައްކާ ސަރަހައްދުގެ ހޫނުމިން 51.8 ޑިގްރީ ސެލްސިއަސް އާ ހަމައަށް އަރައިފައިވެއެވެ. ކިދާނާ ކޮމްޕެނީން ބުނީ މި ހުރިހާ ވަސީލަތްތައް އެކުވެގެން ފުރިހަމަ އޮޕަރޭޝަނަލް ނިޒާމެއް އުފައްދައި، ޙައްޖުވެރީންނަށް މުޤައްދަސް ތަންތަނުގައި ހޭދަކުރާ ދުވަސްތައް ފަސޭހަކޮށްދޭނެ ކަމަށެވެ.

Advertisement

ކޮމެންޓް