އިންޑޮނީޝިޔާގެ ޚައިރިއްޔާ 12 އަހަރުވާންދެން ކުރި ދިގު އިންތިޒާރަށް ފޮނި ނިމުމެއް - މި އަހަރު އެ ފުރީ ޙައްޖަށް
ޙައްޖަށް ދިއުމުގެ ހުވަފެން 2013 ވަނަ އަހަރުގައި ދެކެން ފެށި އިންޑޮނީޝިއާ އަންހެނެއް ކަމަށްވާ ޚައިރިއްޔާ ބިންތު މުޙައްމަދު ބަކްރީ، 12 އަހަރު ދުވަހުގެ ދިގު އިންތިޒާރަށް ފަހު ޙައްޖު ދަތުރު ފަށައިފިއެވެ.
އިންޑޮނީޝިއާގެ އުތުރު މަލޫކޫ ޕްރޮވިންސަށް ނިސްބަތްވާ ޚައިރިއްޔާ، ޙައްޖު ދަތުރު ފެށީ ދެކުނު ސުލާވެސީ ޕްރޮވިންސުގެ މަކައްސާރު ސިޓީގައި ހުންނަ ސުލްތާން ހަސަންއުއްދީން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އަށް ދިން އިންޓަވިއުއެއްގައި ޚައިރިއްޔާ ބުނީ "މިއީ ބުރައެއް ނޫން، މިއީ ޞަބްރާއި ދުޢާ އާއި ޤަދަރަށް އިތުބާރުކުރުމުގެ ރޫޙާނީ ދަތުރެއް" ކަމަށެވެ.
ޚައިރިއްޔާގެ ޙައްޖު ދަތުރު މި އަހަރު ޚާއްޞަވީ، ފުރިހަމަ އޮޓޮމެޓިކް ޚިދުމަތެއް ކަމަށްވާ "މައްކާ ރޫޓް" ޚިދުމަތާއި އެކުގައެވެ. އެ ޚިދުމަތާ އެކު ޕާސްޕޯޓް ޗެކްކުރުމާއި ވީޒާ ޖެހުމާއި ބޯޑަރ ފަސޭހައިން ހުރަސް ކުރުމާއި ފަސެންޖަރުންގެ ބެގޭޖު ކޯޑުކުރުމާ ބެހޭ ކަންކަން އިންޑޮނީޝިއާގެ އެއާޕޯޓުގައި ފުރުމުގެ ކުރީން ނިމުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިގެން ސީދާ ޙައްޖު ހޮޓަލަށް ދެވޭ ގޮތަށް ވީއެވެ. ޚައިރިއްޔާ ބުނީ "އެ ޚިދުމަތާ އެކު ދަތުރުގެ ހުރިހާ ކަމެއް ފަސޭހަވެއްޖެ. ކިއޫގައި ދިގު ވަގުތު މަޑުކުރާކަށް ނުޖެހޭ" ކަމަށެވެ.
މި އަހަރު އިންޑޮނީޝިއާ އިން ޙައްޖު ކުރުމަށް ފުރާ ޙައްޖުވެރީންގެ ޢަދަދަކީ 221,000 އެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ޤައުމީ ޙައްޖު ކޯޓާއެވެ. ނަމަވެސް އިންޑޮނީޝިއާގެ ޙައްޖު ވެއިޓް ލިސްޓުގައި 5.4 މިލިއަން މީހުން ތިބޭއިރު، އާންމުކޮށް ޙައްޖު ދަތުރު ފުރުޞަތު ލިބޭނީ ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ކިއުގައި މަޑުކުރުމަށް ފަހުއެވެ. ޚައިރިއްޔާ އަށް ފުރުޞަތު ލިބުނީ 12 އަހަރަށް ފަހުއެވެ.
މި އަހަރު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ވެސް މައްކާ ރޫޓް ޚިދުމަތް ލިބިފައިވެއެވެ. އެޕްރީލް 28 ވަނަ ދުވަހު ދިވެހި ޙައްޖުވެރީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށީ އެ ޚިދުމަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުންނެވެ. އާންމުކޮށް މި ޚިދުމަތް ދެވެނީ 20,000 އަށް ވުރެ ގިނަ ޙައްޖުވެރީން ފޮނުވާ ޤައުމުތަކަށް ކަމަށް ވީ ނަމަވެސް، 1,000 ޙައްޖު ކޯޓާ ލިބޭ ރާއްޖެ އަށް ވެސް ޚާއްޞަ އިސްތިސްނާއެއް ދީ، މި ޚިދުމަތް ދޭ ޤައުމުތަކުގެ ތެރޭގައި ހިމަނައިދީފައިވެއެވެ. އޭގެ އިތުރުން ޕާކިސްތާން، އިންޑޮނީޝިއާ، މެލޭޝިއާ، ބަންގްލަދޭޝް، ތުރުކީ، ކޮޓް ޑިވޯ، މޮރޮކޯ، ނައިޖީރިއާ، ސެނެގާލް އަދި ބުރޫނާއީ ޑާރުއް ސަލާމަށް ވެސް މި ޚިދުމަތް ލިބެއެވެ.